ކުއަންޓަމް ވެޓަރަންސް ފުޓްސަލް ކަޕް 2014 ގެ ސެމީގެ ފުރަތަމަ ދެ ޖާގަ އިންޓެލް އަދި އޭއެމްޑީއިން ހޯދައިފި އެވެ.
އިންޓެލްއިން ސެމީއަށް ދަތުރުކުރީ ރޭ ޑަބްލިއުޑީއާ ދެކޮޅަށް ކުޅުނު މެޗު 9-3 އިން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސަމީރު ޔޫސުފް (ސީޓޭ) އެ ޓީމަށް 4 ގޯލު ޖަހައިދިންއިރު މިހާތަނަށް މި މުބާރާތުގައި 9 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖަހާފައިވާ ހުސައިން ހަސަން (ދައްތަ ހުސައިން) ވެސް ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ.
އެ ޓީމުގެ އިތުރު ގޯލުތައް ފެނިގެން ގޮސްފައިވަނީ އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ)، އިބްރާހިމް ރަޝީދު (ބާންސް) އަދި ހުސައިން ނަޢީމް (ބޮޑު ޔަނޭ) ގެ ފަރާތުންނެވެ. ރޭގެ މެޗުގައި ޑަބްލިއުޑީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސިރާޖު އަލީ، އަލީ ހާޝިމް އަދި އާދަމް މުހައްމަދު އެވެ.
ރޭ ކުޅުނު އަނެއް މެޗުން އޭއެމްޑީ ބަލިވި ނަމަވެސް އެ ޓީމުވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ހޯދާފަ އެވެ. މި މެޗުން އޭއެމްޑީ ބަލިވީ އޭޓީއައިއާ ވާދަކޮށް 5-3 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އޭޓީއައިގެ އަހްމަދު ހުސައިން (ޑޮން) 2 ލަނޑު ޖަހައިދިންއިރު އަނެއް ތިން ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހިމް ހަސަން (ގޮމައްޓޭ) އެވެ. މި މެޗުގައި އޭއެމްޑީގެ އަބްދުﷲ އިބްރާހިމް (އައްޑޮ) 2 ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ އަމްޖަދު މޫސާ އެވެ.
އޭޓީއައި އަދި ޑަބްލިއުޑީ ތިން ޕޮއިންޓާއެކު ނިންމާލިއިރު ގޯލުގެ ތަފާތުން ގުރޫޕްގެ ފުލަށް ދިޔައީ އޭޓީއައި އެވެ.
މިރޭ މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅޭއިރު 2020 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ 6 ޕޮއިންޓާ ފައިދާ 6 ގޯލާއެކު އޮތް ކިންގްސްޓަން އާއި 3 ޕޮއިންޓާ މައިނަސް 2 ގޯލާއެކު އޮތް އެންވީޑިއާ އެވެ.
މިރޭ 2120 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިން ޕޮއިންޓާ މައިނަސް އެއް ގޯލާއެކު އޮތް ހެވިޓް އަދި ޕޮއިންޓެއް ނުލިބި މައިނަސް 3 ގޯލާއެކު އޮތް ކެސްޕާސްކީ އެވެ.