twitterviber whatsapp telegramfacebookyoutube instagram
17th May 2024

ރިއަލް މެޑްރިޑާއި ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފި

Nov 5, 2014

ރިއަލް މެޑްރިޑް އަދި ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ފާއިތުވެދިޔަ ސީޒަނުގެ ޗެމްޕިއަން ރިއަލް މެޑްރިޑް ދެވަނަ ބުރަށް ދަތުރުކުރީ ރޭ ލިވަޕޫލް 1-0 އިން ބަލިކޮށްގެންނެވެ. ގުރޫޕް ސްޓޭޖްގައި ރިއަލްއަށް ދެ މެޗު ބާކީ އޮތްއިރު ރިއަލްއިން ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގައި ރިއަލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މެޗުގެ 27 ވަނަ މިނެޓްގައި މާސެލޯ ނަގައިދިން ހުރަހަކުން ކަރިމް ބެންޒީމާ އެވެ. ރޭ ރިއަލްގެ ކީޕަރ އިކަރ ކަސިޔަސްގެ ޗެމްޕިއަންސް ލީގުގެ 144 ވަނަ މެޗާއެކު އޭނާއަކީ މިހާރު އެންމެ ގިނައިން ޗެމްޕިއަންސް ލީގު މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ.

ބީ ގުރޫޕްގެ އަނެއް މެޗުގައި ބަސެލްއިން ވަނީ ލޫޑޯގޮރެޓްސް 4-0 އިން ބަލިކޮށް 6 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފަ އެވެ. ލިވަޕޫލް އޮތީ 3 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގަ އެވެ.

ގުރޫޕް އޭ ގެ މެޗުތަކަށް ބަލާއިރު ކޯކޭ އަދި ރައުލް ގާސިއާ ޖެހި ލަނޑުތަކުން އެތުލެޓިކޯ މެޑްރިޑުންވަނީ 2-0 އިން މަލްމޯ އެފްއެފް ބަލިކޮށް 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ދަމަހައްޓާފަ އެވެ.

މި ގުރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ޔުވެންޓަސްއިން ވަނީ ފަހަތުން އަރާ 3-2 އިން އޮލިމްޕިއާކޯސް ބަލިކޮށް 6 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ދަމަހައްޓާފަ އެވެ. ޗެމްޕިއަންސް ލީގުގެ 100 ވަނަ ފެނިލުމުގައި ޕިރްލޯ ވަނީ އޭނާގެ ޓްރޭޑްމާކް ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މެޗުގެ 21 ވަނަ މިނެޓްގައި ލީޑު ހޯދައިދީފަ އެވެ.

ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި އަދި 61 ވަނަ މިނެޓްގައި ބޮޓިއާ އަދި އެންޑިންގާ ޖަހައިދިން ލަނޑުތަކުން އޮލިމްޕިއާކޯސް އިން ވަނީ ލީޑު ހޯދާފަ އެވެ. ޔުވެންޓަސްއިން އަލުން ލީޑު ހޯދީ 2 މިނެޓްތެރޭ ދެ ލަނޑު ޖަހައިގެން މެޗުގެ 65 ވަނަ މިނެޓްގައި އަދި 66 ވަނަ މިނެޓްގަ އެވެ. އެއްވަރުވި ލަނޑު ދަނޑީގައި ނުކުމެ އޮލިމްޕިއާކޯސްގެ ކީޕަރގެ ފައިގައި ޖެހިފަ ވަންއިރު މޮޅުވި ލަނޑު ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ.

ގުރޫޕް ޑީ ގެ މެޗުތައް ވެގެން ގޮސްފައިވަނީ ފޯރިގަދަ މެޗުތަކަކަށެވެ. މިގޮތުން ޑޯޓްމަންޑުންވަނީ ގަލަތަސަރާއީ 4-1 އިން ބަލިކޮށްފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި އާސެނަލް ތިން ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް އެންޑަލެކްޓުން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް އާސެނަލްގެ ސަޕޯޓަރުން ރޮއްވާލާފަ އެވެ.

ގުރޫޕް ސީ ގެ މެޗުތަކަށް ބަލާއިރު މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ބެންފީކާގެ ޓަލިސްކާ ޖަހައިދިން ލަނޑާއެކު 1-0 އިން މޮނާކޯ ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ވަނީ ދަމަހައްޓާފަ އެވެ. މި ގުރޫޕްގެ އެއްވަނާގައި އޮތް ބަޔާން ލެވަކޫސަން ވަނީ 2-1 އިން ޒެނިތު ބަލިކޮށްފަ އެވެ.

މިރޭވެސް ޗެމްޕިއަންސް ލީގުގައި 8 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހުރިހާ މެޗެއްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355