އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި ސައުތެމްޕްޓަން މޮޅުވެއްޖެ އެވެ.
ލީގުގެ އެއްވަނަ ދަމަހައްޓަމުން އަންނަ ޗެލްސީއިން ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނަގައިފައިވަނީ ލިވަޕޫލްއިންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އެމްރޭ ކޭން ފޮނުވާލި ބާރު ބޯޅަ ޗެލްސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ޑިފްލެކްޓްވެގެން ގޯލުގެ ތެރެއަށް ވަދެގެން ދިޔައިރު ކީޕަރ ކޯޓޮއިސް އަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.
ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ގެރީ ކެހިލް ޖަހައިދިން ލަނޑަކާއެކު ޗެލްސީއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި ދެވަނަ ހާފުގައި ޑިއޭގޯ ކޯސްޓާ ޖަހައިދިން ލަނޑާއެކު އެ ޓީމުން ވަނީ މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އިތުރުކޮށްފަ އެވެ.
76 ވަނަ މިނެޓްގައި އަދި 80 ވަނަ މިނެޓްގައި ސޭން ލޯންގް ޖަހައިދިން ދެ ލަނޑާއެކު ސައުތެމްޕްޓަންއިންވަނީ 2-0 އިން ލެސިސްޓަރ ސިޓީ ބަލިކޮށް ޗެލްސީގެ ފަހަތުން ދެވަނަ ދަމަހައްޓާފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނުކުތް މާޓާ ޖަހައިދިން ލަނޑުން 1-0 އިން ކުރިސްޓަލް ޕެލަސްގެ މައްޗަށް މޮޅުވެ ޔުނައިޓެޑުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ޗެމްޕިއަންސް ލީގުގައި ދިމާވި ހިތްދަތިކަން އިތުރުވީ ކިއުޕީއާރުއާ ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ. މި މެޗުގައި ކިއުޕީއާރުއިން ދެފަހަރަށް ލީޑު ނެގި ނަމަވެސް ސިޓީގެ ހުނަރުވެރި ފޯވާޑު އެގުއޭރޯ ވަނީ ދެ ފަހަރުވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ.
އެސްޓަން ވިލާ އަދި ވެސްޓް ހޭމް ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ބާންލީ ވަނީ 1-0 އިން ހަލް ސިޓީ އަތުން މޮޅުވެފަ އެވެ.
މިރޭވެސް ލީގުގައި ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. 18:30 ގައި ތިން މެޗު ކުޅޭއިރު އާސެނަލް އަދި ސްވެންސީ ކުޅޭ މެޗު ފަށާނީ 21:00 ގަ އެވެ.