ފޯ ސީޒަން މޯލްޑިވްސް ނުވަތަ ލަނޑާ ގިރާވަރު ރިސޯޓްގެ ފަރާތުން ޓޫރިޒަމާ ބެހޭ ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން މި ޕްރޮގްރާމް ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން ޞާދިގު ވިދާޅުވީ މި ޕްރޮގްރާމަކީ މިދާއިރާއަށް ސައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރަމެއް ކަމަށެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކަމަށާއި މިއީ 1 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް ޞާދިގު ވިދާޅުވި އެވެ. އެގޮތުން މި ޓްރެއިންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ރެކްރޫޓް ކުރުމަށްޓަކައި އަންނަ ޑިސެމްބަރ މަހު 13 ވަނަ ދުވަހު އިންޓަވިއުއެއް ބޭއްވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑާ ހުރާ އަދި ލަނޑާ ގިރާވަރުގަ އެވެ.
މި ޕްރޮގްރަމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާނީ 16 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށާއި ބައިވެރިވުމަށް އެދޭ ފަރާތަކުން ޑިސެމްބަރ 13 ވަނަ ދުވަހު ޖަލާލުއްދީން ސްކޫލަށް ދިއުމުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ޓްރެއިނިންގައި މައުލޫމާތު ދެވިގެންދާނީ އެކުއްޖަކު ސައުގުވެރިވާ ދާއިރާއަކާ ގުޅޭގޮތުން ކަމަށާއި މި ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައިވަނީ ޖުމްލަ 60 ކުދިން ހަމަ ވުމުން ކަމަށްވެސް ޞާދިގު ވިދާޅުވި އެވެ.
މިއީ ފޯ ސީޒަންގެ ފަރާތުން މިފަދަ ޓްރެއިންނިން ޕްރޮގުރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ 4 ވަނަ ފަހަރެވެ.