ޗެލްސީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު އެކަމުގެ ފައިދާ ސިޓީއިން ނަގާ ޗެލްސީއާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ރޭ ނިއު ކާސަލްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފު އެއްވެސް ލަނޑެއް ފެނިފައި ނުވާއިރު ނިއު ކާސަލްގެ ދެ ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފު ކުޅެން ނުކުތް ޕަޕިސް ސީސޭ އެވެ. ނިއު ކާސަލްގެ ޓެއިލަރ އަށް ރަތް ކާޑު ދެއްކުމާއެކު ލިބުނު ހިލޭ ޖެހުމުން އުފެއްދި ހަމަލާއިން ޑްރޮގްބާ ލަނޑެއް ޖެހި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރުމުގައި ޗެލްސީއަށް ކާމިޔާބެއް ނުހޯދުނެވެ.
ސިޓީއިން ރޭގެ މެޗު ކާމިޔާބުކުރީ 1-0 އިން އެވަޓަން ބަލިކޮށްގެންނެނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޔާޔާ ޓޫރޭ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެގުއޭރޯ ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.
އާސެނަލް އާއި ސްޓޯކް ކުޅުނު މެޗު ނިމުނީ 3-2 އިން ސްޓޯކް މޮޅުވެގެންނެވެ. ފުރަތަމަ ހާފުގައި ސްޓޯކް އިން ތިން ލަނޑު ޖެހިއިރު މެޗުގެ 19 ވަނަ ސުކުންތުގައި ކުރައުޗް ޖެހި ލަނޑަކީ މި ސީޒަނުގައި ފެނުނު އެންމެ އަވަސް ގޯލެވެ. އާސެނަލް އިން ފަހު ހާފު ދެ ލަނޑު ޖެހި ނަމަވެސް އިތުރު ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް ވީ ނާކާމިޔާބެވެ.
ކިއުޕީއާރު އިން ބާންލީ ބަލިކުރީ 2-0 އިންނެވެ. ލެރޯއީ ފާ އަދި ޗާލީ އޮސްޓިން ލަނޑުތައް ކާމިޔާބުކުރިއިރު ޗާލީ އޮސްޓިން އަށް ވަނީ މި މެޗުގައި ރަތް ކާޑެއް ދައްކާފަ އެވެ.
ވެސްޓް ބުރޮމް އާއި ހަލް ސިޓީ، ސަންޑަލޭންޑާއި ލިވަޕޫލް އަދި ޓޮޓެންހަމް އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗުތައް ނިމިގެން ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. މިރޭ ލީގުގައި ކުޅޭ މެޗުތަކުގައި 18:30 ގައި ބައްދަލުކުރާނީ ވެސްޓް ހޭމް އަދި ސްވެންސީ އެވެ. އަދި 2100 ގައި ބައްދަލުކުރާނީ އެސްޓަން ވިލާ އަދި ލެސިސްޓަރ އެވެ.