ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރު ނަގައިފި އެވެ.
ސްވިޒަލެންޑްގެ ނިޔޯންގައި އިއްޔެ ކުރިއަށް ދިޔަ ގުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑަށް ކުޅެން ޖެހެނީ ޖާމަނީގެ އެފްސީ ޝާލްކޭއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި ވެސް ރިއަލް އަށް މެޑްރިޑަށް ދެވަނަ ބުރުގައި ޝާލްކޭއާ ކުޅެން ޖެހުނުއިރު 9-2 ގެ އެގްރިގޭޓް ސްކޯރ އަކުން ރިއަލް ވަނީ މޮޅުވެފަ އެވެ.
އެންމެ ފަހުގެ ރަނަރއަޕް އެތުލެޓިކޯ ނުކުންނާނީ ޖާމަނީގެ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ. މި ދެ ޓީމު 2011 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިދިޔަ ސީޒަނުގެ ކުއާޓަރ ފައިނަލްގައި ކުޅެން ޖެހުނު ޕީއެސްޖީ އަދި ޗެލްސީ މި ސީޒަނުގެ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހުނުއިރު އެގްރިގޭޓް ސްކޯރ 3-3 އިން އެއްވަރުވުމުން އަވޭ ގޯލުގެ އުސޫލުން ފަހު ވަގުތު ސެމީއަށް ދަތުރުކުރީ ޗެލްސީއެވެ.
މެންޗެސްޓަރ ސިޓީއަށް ވޭތުވެދިޔަ ސީޒަނުގެ ދެވަނަ ބުރުގައިވެސް ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހުނުއިރު މި ސީޒަނުގައިވެސް އެ ޓީމަށް ކުޅެން ޖެހުނީ ބާސާއާ ދެކޮޅަށެވެ. ދެ މެޗުން ވެސް ސިޓީ ބަލިވިއިރު އެގްރިގޭޓް ސްކޯރ އަކީ 4-1 އެވެ.
1996/97 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކުރި ޔުވެންޓަސް އަދި ޑޯޓްމަންޓް މި އަހަރުގެ ދެވަނަ ބުރުގައި ބައްދަލުކުރާއިރު އެ މެޗު 3-1 އިން ކާމިޔާބުކުރީ ޑޯޓްމަންޑުންނެވެ. 1992/93 ގެ ފައިނަލުގައިވެސް މި ދެ ޓީމު ކުޅެފައިވެއެވެ. އެ މެޗު 6-1 އިން ކާމިޔާބުކުރީ ޔުވެންޓަސް އެވެ.
އާސެނަލް އިން މީގެ ކުރިން މޮނާކޯއާ ބައްދަލުކޮށްފައި ނުވާއިރު މޮނާކޯ އަކީ އާސެނަލްގެ މިހާރުގެ މެނޭޖަރ އާސެން ވެންގާގެ ކުރިން ކޯޗުކަން ކޮށްދިން ޓީމެވެ. އެގޮތުން ވެންގާ ވަނީ 1987 އިން 1994 އަށް މޮނާކޯ ގެ މެނޭޖަރގެ މަޤާމު އަދާކޮށްފަ އެވެ.
ދެވަނަ ބުރުގެ އިތުރު މެޗުތަކަށް ބަލާއިރު ބަޔާން ނުކުންނާނީ ޝަކްތަރުއާ ދެކޮޅަށެވެ. އަދި ޕޯޓޯ ބައްދަލުކުރަން ޖެހޭނީ ބަސެލްއާ ދެކޮޅަށެވެ. މިގެ ކުރިން މި ޓީމުތަކުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ.