15 ޓީމެއް ވާދަކުރާ އިހަވަންދޫ މައިކަޕް ފުޓްބޯޅަ މުބާރާތް ރޭ ފަށައިފި އެވެ.
އިހަވަންދޫގައި ކުރިއަށްދާ މި މުބާރާތް ފެށުމުގެ ގޮތުން ރޭ އިހަވަންދޫގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި މި މުބާރާތް ފައްޓަވައިދެއްވީ އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރުއިސްވެރިޔާ މުހައްމަދު އިބްރާހިމާއި މި މުބާރާތުގެ ބާނީ ކަމަށްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަބުދުﷲ އެވެ.
މި ރަސްމިޔާތުގައި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ބައިވެރިވުމަށް ހަމަޖެހިފައި ވީނަމަވެސް މިނިސްޓަރ މި ރަސްމިޔާތުގައި ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް މުބާރާތް ނިންމާ ރަސްމިޔާތަށް މިނިސްޓަރ ހާޒިރުވާނެ ކަމަށް މުހައްމަދު އަބުދުﷲ މި ރަސްމިޔާތުގައި ވިދާޅުވެފައިވެ އެވެ.
މައިކަޕްގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 15000 ރުފިޔާ ހުށައަޅާފައިވާއިރު މިއީ މި މުބާރާތުގެ ތާރީހުގައި އެންމެ ބޮޑު އިނާމެއް ހުށައަޅާފައިވާ އަހަރެވެ.
މި މުބާރާތް ނިމުމުގެ ރަސްމިޔާތުގައި ޒުވާނުންނަށް ވަރަށް އުފާވެރި ހަބަރެއް ދޭނެ ކަމަށާއި އަންނަ އަހަރު މި މުބާރާތުގައި ބައިވެރިވެމުގެ ފީ 1000 ރުފިޔާއަށް ހަދައިދޭނެކަމަށް މުހައްމާ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިޔާތުގައި ވަނީ މައިކަޕްގެ ތީމް ލަވަ ލޯންޗްކޮށްފަ އެވެ. ތީމް ލަވަ ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި ކުޑަ އިއްބެ އެވެ.
މި ރަސްމިޔާތުގެ ޝަރަފުވެރި މެހެމާނު އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރުއިސްވެރިޔާ މުހައްމަދު އިބްރާހިމްގެ ވާހަކަފުޅުގައި މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަބުދުﷲ ގެ މަސައްކަތަށް ވަނީ ތައުރީފުކުރައްވާފަ އެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އިހަވަންދޫ ޔުނައިޓެޑް ޔޫތް، އިހަވަންދޫ ޖަންގަލް ޑާކް ޕޮއިންޓް، މާރަންދޫ ޔޫތު ސޮސައިޓީ، މާރަންދޫ ޒުވާނުންގެ ޖަމްއިއްޔާ، ތުރާކުނު ޔަންގް ސްޓަރ، އިހަވަންދޫ ސެން ސިޓީ، އިހަވަންދޫ ސެންސިޓީ ހޯގޮވާ، އިހަވަންދޫ ނިކަ ޗޭން، ހޯރަފުށި ހައިޑްސް ފުޓްބޯޅަ ޓީމް، އިހަވަންދޫ ކުޅިމަގު، އިހަވަންދޫ ކޭ.އެމް.ޖީ ނިއު ޖެނެރޭޝަން، އިހަވަންދޫ އެން.ވީ.ކޭ، އިހަވަންދޫ އެން.ވީ.ކޭ ދަ ކިންގް، އިހަވަންދޫ އެފް. ސީ ބޮޑުމަގު އަދި އިހަވަންދޫ އަރާދުވާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ ހޯރަފުށި ހައިޑްސް އެވެ. އެއީ ތުރާކުނު ޔަންގް ސްޓާއާ ބައްދަލުކޮށް 2-0 ން އެވެ.