މެންޗެސްޓަރ ޔުނައިޓެޑުން މޮޅުވުމުގެ ސިލްސިލާ ނިމުނުއިރު ސިޓީ މޮޅުވެއްޖެ އެވެ.
ރޭ އެސްޓަން ވިލާގެ ބާމިންހަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މީގެ ކުރިން ޔުނައިޓެޑް ލީގުގައި ކުޅުނު 5 މެޗުން މޮޅުވެފައި އޮތުމާއި އަދި ވިލާގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށްފައިވީނަމަވެސް މި މެޗު ޔުނައިޓެޑަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ.
މި މެޗުގެ ކުރީކޮޅު ވިލާ އަށް ލީޑު ނަގައިދިނީ ބެންޓެކޭ އެވެ. ފަހު ހާފުގެ ކުރީކޮޅު ޔަންގް ގެ ހުރަހަކުން ފަލްކާއޯ އެއްވަރުކުރި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. މި މެޗުގެ 65 ވަނަ މިނެޓްގައި ވިލާގެ އަގްބޮންލާހޯރަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފަ އެވެ.
މި ނަތީޖާގެ ފައިދާ ވެސްޓް ހޭމް ނަގާ ލެސިސްޓަރ ސިޓީ 2-0 އިން ބަލިކޮށް އެ ޓީމުން ވަނީ ޔުނައިޓެޑާ އެއް ޕޮއިންޓް ގާތަށް ޖެހިލާފަ އެވެ. މެޗުގައި ލަނޑުތައް ޖަހައިދިނީ ސްޓެވާޓް ޑައުނިންގ އަދި އެންޑީ ކެރޯލް އެވެ.
މެންޗެސްޓަރ ސިޓީ ވަނީ ރޭ 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފަ އެވެ. ޗެލްސީ އިން ހޯމަ ދުވަހުގެ ރޭ ނުކުންނާނީ ރަށުން ބޭރުގައި ސްޓޯކް ސިޓީއާ ދެކޮޅަށެވެ. ރޭގެ މެޗުގައި ސިޓީގެ ސިލްވާ ދެ ލަނޑު ކާމިޔާބުކުރިއިރު ފަހު ލަނޑު ޖަހައިދިނީ ޔާޔާ ޓޫރޭ އެވެ.
ސައުތެމްޕްޓަންއިން 3-0 އިން އެވަޓަން ބަލިކޮށްފައިވާއިރު ޓޮޓެންހަމްއިން ވަނީ 2-1 އިން ބާންލީ ބަލިކޮށްފަ އެވެ. ހަލްސިޓީ 1-0 އިން ސްވެންސީ އަތުން ބަލިވެފައިވާއިރު ކިއުޕީއާރު އިން ވަނީ ޗާލީ އޮސްޓިންގެ ހެޓްރިކަކުން 3-2 އިން ވެސްޓް ބުރޮމް ބަލިކޮށްފަ އެވެ.
މިރޭ ލީގުގައި ކުޅޭ މެޗުތަކަށް ބަލާއިރު 2100 ގައި ބައްދަލުކުރާނީ ލިވަޕޫލް އަދި އާސެނަލް އެވެ. އަދި 18:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ކާސަލް އަދި ސަންޑަލޭންޑް އެވެ.