އިނގިރޭސި ލީގުގެ އެންމެ ކުރީގައި އޮތް ޗެލްސީ، ސިޓީ، ޔުނައިޓެޑް އަދި ސައުތެމްޕްޓަން ކުޅުނު މެޗުތައް އެއްވަރު ވެއްޖެ އެވެ.
ޗެލްސީއިން ސައުތެމްޕްޓަންއާ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ކުރީކޮޅު ސައުތެމްޕްޓަންއިން ލީޑު ނެގީ ސަޑިއޯ މާނޭ ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޑެން ހަޒާޑް ވަނީ ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މި ނަތީޖާއާ އެކު މެންޗެސްޓަރ ސިޓީއަށް ޗެލްސީއާ އެއް ޕޮއިންޓް ގާތަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލުނީ ބާންލީއާ ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ. ޑޭވިޑް ސިލްވާ އަދި ފާނޭންޑީނިއޯ ފުރަތަމަ ހާފު ލަނޑު ޖަހައިދީ 2-0 ގެ ލީޑެއް ނަގައިދީފައި ވާއިރު ބާންލީގެ ޖޯޖް ބޮއިޑް އަދި އެސްލީ ބާންސް ވަނީ ބާންލީއަށް ލަނޑު ޖަހައިދީ މެޗު އެއްވަރުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗު 0-0 އިން ނިމުނުއިރު އެސްޓަން ވިލާއާއި ސަންޑަލޭންޑް ކުޅުނު މެޗު އަދި ކިއުޕީއާރު އާއި ކުރިސްޓަލް ޕެލަސް ކުޅުނު މެޗުވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ސެންޓި ކަޒޯލާ އަދި ޑެނީ ވެލްބެކްގެ ގޯލުތަކުން އާސެނަލްއިން 2-1 އިން ވެސްޓް ހޭމް ބަލިކުރިއިރު ވެސްޓް ހޭމްގެ ހަމައެކަނި ގޯލު ފަހު ހާފުގައި ޖަހައިދިނީ ކުޔާޓޭ އެވެ.
ބިރާމް ދިއޫފް ގެ ދެ ލަނޑުން ސްޓޯކުން 2-0 އިން ވެސްޓް ބުރޮމް ބަލިކުރިއިރު ނިއު ކާސަލް އިން ވަނީ 3-2 އިން އެވަޓަން ބަލިކޮށްފަ އެވެ. ރޭ ކުޅުނު އަނެއް މެޗުގައި ލެސިސްޓަރ ސިޓީން ވަނީ 1-0 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ.
މިރޭ ދަންވަރު 0100 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އަދި ސްވެންސީ އެވެ.