ޒިގްޒެގު ޔޫތުން އިމްޕެކްޓް ޓީމު 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ.
އިއްޔެ ހަވީރު ޒިގްޒެގް ދަނޑުގައި ކުޅެވުނު 15 އަހަރުން ދަށުގެ އެކުވެރިކަމުގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ އިމްޕެކްޓް ޓީމުންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހަލުވި އަދި ހުނަރުވެރި ފޯވާޑް ޢަލީ އާދަމް(ޓޮޓީ) އެވެ. އެހެންނަމަވެސް ޒިގްޒެގް ޔޫތުން ވަނީ ލަނޑު ޖެހުމާއެކު ކުޅުން ރަނގަޅުކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްލާފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒިގްޒެގް ޓީމުން 4 ލަނޑުޖަހައި، މެޗުގައި ފައިތިލަ ސާބިތުކުރިއެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ޖައިލަމް އ. ސައްތާރު (ކުޑަ ޖަމްބެ)، ޢަލީ މާއިދު އާދަމް (އަސޭނާ)، އަހުމަދު ޝާހީން ބަޝީރު އަދި މުޙައްމަދު ޒަކަރިއްޔާ (މައިލޯ) އެވެ.
ދެވަނަ ހާފްވެސް ފެނިގެންދިޔައީ ޒިގްޒެގް އިން ޑޮމިނޭޓްކުރި ހާފެއްގެ ގޮތުގައެވެ. މިގޮތުން މިހާފްގައި ޒިގްޒެގް ޓީމުން ވަނީ އިތުރު 4 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިހާފުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ފިރުޝާން (ފިއްރެ)، މުޙައްމަދު ޒަކަރިއްޔާ (މައިލޯ)، ޢަލީ ޙުސެއިން (މަލޫޑާ) އަދި އިބްރާހިމް އިސްމާއިލް އެވެ.
ތަފާތު ލަނޑުތަކެއް ފެނިގެންދިޔަ މިމެޗު ނިމިގެންދިޔައީ 8-1 ލަނޑުން ޒިގްޒެގް ޔޫތު މި މެޗެ ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިގްޒެގް ޔޫތުގެ ޖާރޒީ ނަމްބަރ 2، އަޙުމަދު ޢަލީ (ގޮބޯ) އެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ މެޗު ސްޕޮންސަރ ކުރި އަޙުމަދު އާދަމް (ޑެއްޓި) އެވެ.