ރޭ އިނިގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެއްވަރުވުމުން ޗެލްސީއަށް ދެ ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.
ރޭ ސިޓީއިން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު 74 ވަނަ މިނެޓްގައި ލަނޑު ޖަހައި ފުރަތަމަ ލީޑު ހޯދީ ސިޓީއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރ ފާނޭންޑީނިއޯ އެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ އެވަޓަންއިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ.
ޗެލްސީއިން ރޭ ވަނީ 2-0 އިން ނިއު ކާސަލް ބަލިކޮށް ތާވަލުގެ ކުރީގައި ފައިތިލަ ސާބިތުކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ލަނޑު އޮސްކާ ކާމިޔާބުކުރިއިރު ދެވަނަ ލަނޑު އޮސްކާގެ ފާހަކުން ޖަހައިދިނީ ޑިއޭގޯ ކޯސްޓާ އެވެ.
ނުވަ ވަނަ މިނެޓްގައި މާކޮވިޗް ޖަހައިދިން ލަނޑުން ލިވަޕޫލުން ސަންޑަލޭންޑް 1-0 އިން ބަލިކުރިއިރު ލެސިސްޓަރ ސިޓީ އަދި ވެސްޓް ބުރޮމް ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރީ 1-0 އިންނެވެ. ޕައުލް ކޮންޗެސްކީގެ ލަނޑުން ލެސިސްޓަރ އިން އެސްޓަން ވިލާ ބަލިކުރިއިރު ސައިޑޯ ބެރަހީނޯ ގެ ލަނޑުން ވެސްޓް ބްރޮމް ބަލިކުރީ ހަލް ސިޓީ އެވެ.
ކްރިސްޓަލް ޕެލަސް އަދި ބާންލީ ރޭގެ މެޗުތައް ކާމިޔާބުކުރީ 2-1 އިންނެވެ. ސްކޮޓް އާފީލްޑް އަދި ޑެނީ އިންގްސް ގެ 2 ލަނޑުން ބާންލީ އިން ކިއުޕީއާރު ބަލިކުރިއިރު ކިއުޕީއާރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން ޗާލީ އޮސްޓިން އެވެ. ހެރީ ކޭން ލަނޑެއް ޖަހައި ލީޑް ހޯދާފައި ވަނިކޮށް ކްރިސްޓަލް ޕެލަސްގެ ގޭލް އަދި ޕަންޗިއޮން ވަނީ ލަނޑުޖަހައި ކްރިސްޓަލް ޕެލަސް މޮޅުކޮށްދީފަ އެވެ. ރޭ ސްވެންސީ އަދި ވެސްޓް ހޭމް ކުޅުނު މެޗު ނިމުނީ 1-1 އިން އެެއްވަރުވެގެންނެވެ.
މިރޭ ކުޅުނު މެޗުތަކަށް ބަލާއިރު އާސެނަލްއިން ވަނީ 3-0 އިން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ. މި މެޗުގައި ލޯރަންޓް ކޮސިއެލްނީ އެއް ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ ސަންޗޭޒް އެވެ. މިރޭގެ އަނެއް މެޗުގައި ޔުނައިޓެޑްވަނީ 27 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ސައުތެމްޕްޓަން އަތުން ބަލިވެފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސައުތެމްޕްޓަންގެ ޓަޑިޗް އެވެ.