twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ ޕްރޮގްރާމް “ގެޓް ސެޓް”އާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފަށައިފި

Jan 19, 2015

މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަހު ލޯންޗުކުރެވުނު ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ ޕްރޮގްރާމް “ގެޓް ސެޓް”އާ ބެހޭގޮތުން މައުލޫމާތުދިނުމުގެ ބައްދަލުވުމެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް އިގްތިސާދީ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދީ ގައުމުގެ ތަރައްގީގައި ހިއްސާވެވޭނެ އައު ދޮރުތައް ހުޅުވާދެވޭނެ ޕްރޮގްރާމެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ އަބްދުއްޝުކޫރު ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ފެށި ވޯކްޝޮޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން 100 އެއްހާ ބައިވެރިންނަށް މިހާރުވެސް ޓްރެއިން ޕްރޮގްރާމް ހިންގަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާ މި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ލައްކަ އާއި 8 ލައްކަ އާ ދެމެދުގެ ލޯނެކެވެ. ޔޫތް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ލޯން ސްކީމްގެ ދަށުން ސަރުކާރުގެ ރައްކާތެރިކަމާއެކު ރަހުނަކާނުލާ ޒުވާނުންގެ ވިޔަފާރި ހިޔާލުތައް ހަގީގީ ވިޔަފާރިތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 35 އަހަރުގެ ދެމެދުގެ މަދުވެގެން 2 ޒުވާނަކު ގުޅިގެން ހުށަހަޅާ އުފެއްދުންތެރި އަދި ބިނާކުރުވަނިވި ވިޔަފާރި ހިޔާލުތަކަށެވެ.

މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހު ހުޅުވާލެވޭނެ ކަމަށާއި ކޮންމެ ހަ މަހަކުން އެއް ފަހަރު މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތުދެ އެވެ.

ލޯން ދިނުމުގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދީ ވިޔަފާރީތައް ހަރުދަނާކުރާ ޕްރޮގްރާމް އިންކިއުބޭޓަރ ހިދުމަތް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

6-9 މަހުގެ މި ހިދުމަތުގެ ދަށުން އެ ވިޔަފާރިއަކާ ގުޅޭ ދާއިރާތަކުގެ މުދައްބިރުންނާއި ކަމާގުޅޭ ފަންނީ މާހިރުންގެ އެހީތެރިކަމާއި ލަފާތައް އެ ވިޔަފާރީތަކަށް ފޯރުކޮށްދެވޭނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޔޫތް މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރ ހައްސާނު އެވެ.

ކުޅުދުއްފުށީ ގައުމީ އިދާރާގައި ހިންގާ މި ބައްދަލުވުމުގައި ހދ އަތޮޅުގެ 9 ރަށަކުން ޒުވާނުން ބައިވެރިވެ އެވެ. އަދި މި ބައްދަލުވުން މާދަމާ ހަނިމާދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި ހަނިމާދޫ، ފިނޭ، ނޮޅިވަރަމްފަރު އަދި ހިރިމަރަދޫން ޒުވާނުން ބައިވެރިވާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355