މާޒިޔާ ސްޕޯޓްސް ކުލަބު މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހއ އަދި ހދ އަތޮޅުގައި ކޭމްޕް ކުރުމަށް ހަމަޖެހިއްޖެ އެވެ.
މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު މާޒިޔާއިން ކުރާ މި ދަތުރުގައި ޖުމްލަ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އަންނަ ފެބްރުއަރީމަހުގެ ހަ ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީގެ ޓީމަކާ ދެކޮޅަށެވެ. މީގެ އިތުރުން ނޮޅިވަރަމްގައި އެއް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ދިއްދޫގައި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ ތިން ދަނޑުގެ ޒުވާނުން އެކުވެގެން ސްޓީރިން ކޮމިޓީއެއް މިހާރުވަނީ އުފައްދާފަ އެވެ. މި ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި މި މެޗަށް ކުޅުދުއްފުށިން ވަރުގަދަ ޓީމެއް ނެރުމަށް މަސައްކަތް ކުރާނެ އެވެ. އަދި މިކަމަށްޓަކައި ހދ އަތޮޅު ކައުންސިލް އާއި ރަށު ކައުންސިލްއާ ބައްދަލުކޮށްފައިވާނެ ކަމަށާއި އެ ފަރާތްތަކުގެ އެއްބާރުލުންދޭނެ ކަމުގެ ޔަޤީންކަން ހޯދާފައިވާނެ ކަމަށް ހާމަކުރި އެވެ.
“މި މެޗަށް ތައްޔާރުވަމުން އަންނައިރު އެންމެ ދަތިވަނީ ޒިގްޒެގް އޮފީސް މުބާރާތް ކުރިއަށް ދިއުމާއެކު، މެޗުގެ ކުރިން ޓީމް އެކުލަވާލުމަށް ޕްރެކްޓިސް އެއް ކޮށްލުމަށް ދަތިވާތީ” މެޗާ ބެހޭ ގޮތުން ސްޓީރިން ކޮމިޓީގެ މެންބަރެއް ހާމަކުރި އެވެ.
2011 ވަނަ އަހަރު ސްޒޭން ވިކްޓްރީ ކޯޗު ކަމުގައި ހުރިއިރު ކުޅުދުއްފުށީގައި ކޭމްޕް ކޮށްފައިވާއިރު ޖުމްލަ ތިން މެޗު ކުޅެފައިވެ އެވެ. ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކުރީ ވިކްޓްރީއިންނެވެ.
މި މެޗު ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ޓީމަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.