ޕްރިމިއާ ލީގުގެ ކުރީގައި އޮތް ޗެލްސީ އަދި މެންޗެސްޓަރ ސިޓީ ރޭ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ރޭ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ކުޅުނު މެޗު 1-1 އިން ނިމުނުއިރު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މިއީ ސަސްޕެންޑްވުމުގެ ސަބަބުން ނުކުޅެވުނު ޑިއެގޯ ކޯސްޓާގެ ބަދަލުގައި މި މެޗުގެ ކުރިއަށް ކުޅެމުންދިޔަ ލޮއިކް ރެމީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީއިން ލަނޑުޖެހި ނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތު ސިޓީއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އެވެ. މި ނަތީޖާއާ އެކު ތާވަލުގެ ކުރީގައި ޗެލްސީއިން ދަމަހައްޓަމުން އައި 5 ޕޮއިންޓްގެ ލީޑުވަނީ ހިފަހައްޓާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އަދި ނިއު ކާސަލް ވަނީ ރަށުން ބޭރުގައި 3-0 އިން މޮޅުވެފަ އެވެ. ޓޮޓެންހަމް އިން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނުއިރު އެ ޓީމަށް ލީޑު ނަގައިދިނީ 7 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އެރިކްސަން އެވެ. މެޗުގެ 15 ވަނަ މިނެޓްގައި ހެރީ ކޭން އިތުރު ގޯލެއް ކާމިޔާބުކުރިއިރު އޭނާ ވަނީ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ޖަހައިދީފަ އެވެ. ކަބެއްލާ، އެމިއޯބީ އަދި ގޮފްރަން ގެ ލަނޑުތަކުން ނިއު ކާސަލް މޮޅުވީ ހަލް ސިޓީއާ ދެކޮޅަށް ކުޅެގެންނެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 3-1 އިން ލެސިސްޓަރ ސިޓީ ބަލިކޮށްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ވެން ޕާސީ ޖެހިއިރު ދެވަނަ ލަނޑު ޖެހީ ފަލްކާއޯ އެވެ. ޔުނައިޓެޑްގެ އަނެއް ލަނޑަކީ ލެސިސްޓަރ ގެ ވެސް މޯގަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލެސިސްޓަރގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މާސިން ވަސިލެވްސްކީ އެވެ.
ލިވަޕޫލްއިން ވެސް އެ ޓީމުން ކުޅުނު މެޗު ކާމިޔާބުކުރިއިރު އެ ޓީމަށް ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިން އަދި ޑެނިއަލް ސްޓަރިޖެވެ. ރޭ އެވަޓަން ކުޅުނު މެޗުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލުކާކޫ އެވެ.
ޖޮނަތަން ވޯލްޓާސްގެ ހެޓްރިކަކުން ސްޓޯކް ސިޓީ 3-1 އިން ކިއުޕީއާރު ބަލިކުރިއިރު ކިއުޕީއާރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނިކޯ ކުރަންޖަރ އެވެ. ކޮނޮރ ވިކަމް އަދި ޑެފޯގެ ލަނޑުތަކުން ސަންޑަލެންޑުންވަނީ 2-0 އިން ބާންލީ ބަލިކޮށްފަ އެވެ.
މިއަދު 18:30 ގައި އާސެނަލްއާއި އެސްޓަން ވިލާ ކުޅޭއިރު 21:00 ގައި ބައްދަލުކުރާނީ ސައުތެމްޕްޓަން އަދި ސްވެންސީ އެވެ.