ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ޒިގްޒެގް އޮފީސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ދެވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.
ރޭ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑާ ދެކޮޅަށް ކުޅުނު މެޗު ޕޮލިސް އިން ކާމިޔާބުކުރީ 9-1 އިންނެވެ. މެޗުގެ ކުރީ ކޮޅު ޕޯޓްސް އިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވީ ނަމަވެސް ފުރަތަމަ ލީޑު ނެގީ ޕޮލިހުންނެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭ ޕޯޓްސް އިން އެއްވަރުކުރިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާ ޕޮލިސް ޓީމުގެ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ހޯދާފައިވާއިރު ދެވަނަ ހާފު މުޅިން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްފައިވަނީ ޕޮލިސް ޓީމުންނެވެ. ކުޑަ އިއްބެ ރޭގެ މެޗުގައި ފަސް ލަނޑު ކާމިޔާބުކުރިއިރު އޭނާ މިހާތަނަށް ވަނީ ޖުމްލަ 11 ލަނޑު ޖަހާފަ އެވެ.
މުބާރާތުގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ މެޗުގައި 2012 ވަނަ އަހަރުގެ ރަނަރ އަޕް އެމް.އެން.ޑީ.އެފް އަދި 2013 ވަނަ އަހަރުގެ ރަނަރ އަޕް ކަސްޓަމްސް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެމް.އެން.ޑީ.އެފް ގެ ނާސިހް (ބަގަޅޭ) މޮޅު ކުޅުންތެރިޔާ ހޯދިއިރު އޭނާ ވަނީ އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ޖެހި އަނެއް ލަނޑު ކާމިޔާބުކުރީ ހުސައިން ޝާފިއު (ބަންޑާރަ) އެވެ. ކަސްޓަމްސްގެ ދެ ލަނޑު ވެސް އަލީ އާދަމް (ބާޑޭ) ޖެހިއިރު މީގެ ތެރެއިން އެއް ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ރޭ ހދ އޭ.އީ.ސީ އަދި އޫރިދޫ ބައްދަލުކުރި މެޗު 9-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ހދ އޭއީސީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އޭ.އީ.ސީ ޓީމަށް އެ އޮފީހުން ބޭރުގެ ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އަންވަރު އާދަމް (ބާޑޭ) އެވެ.
މިރޭވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2030 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާޕޮއިންޓް އަދި ފަޔަރ އެވެ. ދެވަނަ މެޗުގައި ގުރޫޕް ބީ އިން ހޮސްޕިޓަލް އަދި އަފީފުއްދީން ވާދަކުރާއިރު ފަހު މެޗުގައި ކުޅޭނީ އެސް.ޓީ.އޯ އަދި ރަށު ކައުންސިލް އެވެ.