ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ފަޔަރ އަދި އެސް.ޓީ.އޯ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ރޭ ފަޔަރ ޓީމުން ވަނީ 18-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޕޮއިންޓް ބަލިކޮށްފަ އެވެ. އާޕޮއިންޓް ފުރަތަމަ މެޗުން ޕޮލިސް ކައިރިން ބަލިވީ 14-0 އިންނެވެ. ރޭގެ މެޗުގައި ފަޔަރ ޓީމަށް އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އަހުމަދު ޤާސިމް (ކުމާ) 9 ލަނޑު ކާމިޔާބުކުރިއިރު މެޗު މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާ އެވެ. އޭނާ މިހާތަނަށް ޖުމްލަ 13 ލަނޑު ޖަހާފައިވާއިރު ފުރަތަމަ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާ އެވެ.
ފަޔަރ ޓީމުން ދެން ކުޅެން ޖެހޭނީ ޗެމްޕިއަން ޕޮލިހާ ދެކޮޅަށެވެ. މި ގުރޫޕުން އެއްވަނަ ލިބޭނީ މި މެޗު ކާމިޔާބުކުރާ ޓީމަކަށެވެ.
ރޭގެ ދެވަނަ މެޗުގައި ހޮސްޕިޓަލުން ވަނީ 8-5 އިން އަފީފުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގައި ކުރިހޯދީ އަފީފުއްދީން ސުކޫލުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮސްޕިޓަލުން ވަނީ 6 ލަނޑު ޖަހައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަސްލަމް މުހައްމަދު (ލަމްބޯ) 3 ލަނޑު ޖަހާފައިވާއިރު އަހުމަދު މުހައްމަދު (މައްޑެ) ވެސް ވަނީ 3 ލަނޑު ޖަހައިފަ އެވެ.
މި މެޗުން ބަލިވުމާއެކު އަފީފުއްދީން ސްކޫލް ކަޓާފައިވާއިރު މި ގުރޫޕުން އެސް.ޓީ.އޯ ގެ އިތުރުން ދެވަނަ ބުރަށް ދާނީ ހޮސްޕިޓަލް އަދި ރަށު ކައުންސިލް ކުޅޭ މެޗު ކާމިޔާބުކުރާ ޓީމެކެވެ.
ރޭގެ ފަހު މެޗުގައި ރަށު ކައުންސިލް އަދި އެސް.ޓީ.އޯ ބައްދަލުކުރިއިރު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެސް.ޓީ.އޯ އިން މެޗު ކާމިޔާބުކޮށް ކުއާޓަރގެ ޖާގައެއް އެ ޓީމުން ވަނީ ކަށަވަރުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހަސަން މުހައްމަދު (ނޫވިލޭ) ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ. މިއީ އޭނާ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ދެވަނަ މެޗެވެ.
މިރޭ މި މުބާރާތުގައި ކުޅެވޭ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ދިރާގު އަދި އެމް.އާރު.ޑީ.ސީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ އެމް.ޑަބްލިއު.އެސް.ސީ އަދި އެމް.އެން.ޔޫ އެވެ. ފަހު މެޗުގައި ކުޅޭނީ ހދ. އޭ.އީ.ސީ އަދި ކަސްޓަމްސް އެވެ.