ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު ތިން މެޗު ކާމިޔާބުކުރީ ކަސްޓަމްސް، އެމްޑަބްލިއުއެސްއީ އަދި ދިރާގެވެ.
ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ދިރާގާއި އެމްއާރްޑީސީ ބައްދަލުކުރި މެޗު ދިރާގުން ކާމިޔާބުކުރީ 6-2 ގެ ތަފާތަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ދިރާގުގެ ސިނާން އިބްރާހިމެވެ. މި މެޗުގައި ސިނާން ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ދިރާގުގެ އަޔާޒު އަހުމަދުވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ.
ދެވަނަ މެޗުގައި އެމްޑަބްލިއުއެސްސީ އާއި އެމްއެން ޔުނިވާރސިޓީ ބައްދަލުކުރި މެޗު އެމްޑަބްލިއުއެސްސީ އިން ކާމިޔާބުރީ 6-4 ން އެމްއެންޔޫ ބަލިކޮށްގެންނެވެ. މުބާރާތުގައި ކުޅެވުނު 14 ވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ހުސެއިން މުހައްމަދެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި 6 ލަނޑުވެސް ޖަހައިދީފަ އެވެ. މި މެޗުގައި އެމްއެންޔޫއިން ޖެހި 4 ލަނޑުވެސް ޖަހައިދީފައިވަނީ އެ ޓީމުގެ މާއިދު ހަސަން ރަޝީދެވެ.
ރޭގެ ތިންވަނަ މެޗުގައި ކަސްޓަމްސް އާއި ހދ އޭއީސީ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ކަސްޓަމްސް އެވެ. މި މެޗު ކަސްޓަމްސްއިން ކާމިޔާބުކުރީ 9-1 ލަނޑުގެ ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަސްޓަމްސް ޓީމަށް އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ ޒައިދު މުހައްމަދު ހާސިލުކުރިއިރު އޭނާ ވަނީ މި މެޗުގައި 4 ލަނޑު ޖަހައިދީފަ އެވެ. އޭގެތެރެއިން އެއް ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި ހދ އޭއީސީގެ އަހުމަދު އަބުދުﷲ އަށް ވަނީ ރީދޫ ކާޑެއް ދައްކާފަ އެވެ.
މިރޭ މި މުބާރާތުގައި ކުޅެވޭ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި އެމްއެންޑީއެފް އަދި ޓީމް އުރީދޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ޕޮލިސް އަދި ފަޔާ އެވެ. ފަހު މެޗުގައި ކުޅޭނީ އާޕޮއިންޓް އަދި ކޭޕީއެލް އެވެ.