މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް މިއަދު ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފި އެވެ.
މިއަދު މެންދުރުފަހު 2:30 ގައި މާޒިޔާ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައިވާއިރު ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން އުތުރު ބަނދަރުގައި މާޒިޔާއަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެ އެވެ.
މީގެއިތުރުން ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފާއި އެހެން ބައެއް މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދާއި ނައިބު ރައީސް މުހައްމަދު އައިމަންގެ އިތުރުން ބައެއް އެހެން މެމްބަރުން މާޒިޔާގެ އިސްތިގުބާލުގައި ތިއްބެވި އެވެ. އަދި ހދ އަތޮޅު ޕޮލިސް ސްޓޭޝަން ކޮމާންޑަރ ނަސީމް ވެސް ވަނީ މާޒިޔާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިސްގާލް ބޮޑުބެރު ގުރޫޕްގެ ބެރާއެކު މާޒިޔާއަށް ވަނީ ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ ޓީމާއެކު މިއަދު ހަވީރު ކުޅުދުއްފުށީ ޓީމް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައި ހިރަފުސް ދަނޑުގަ އެވެ.
މާޒިޔާއިން ބުނެފައިވާ ގޮތުގައި މި ދަތުރުގެ ތެރެއިން ހއ އަދި ހދ ގެ ކުޅުންތެރިންނަށް މާޒިޔާއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މަދުވެގެން ފެންވަރު ރަނގަޅު ހަތަރުވަރަކަށް ކުޅުންތެރިން ޓީމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.