twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީ ޓީމާ ވާދަކޮށް މާޒިޔާ ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

Feb 6, 2015

މިއަދު ހަވީރު ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ޓީމް ކުޅުދުއްފުއްޓާއި މާޒިޔާ ބައްދަލުކުރި މެޗު 7-0 މާޒިޔާ ކާމިޔާބުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ ޓީމާއެކު މިއަދު ކުޅުދުއްފުށީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗުގައި މާޒިޔާގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ކުޅުދުއްފުށީ ޓީމްވެސް ވަނީ މޮޅަށް ކުޅެ މެޗުގައި ރަނގަޅު ގޭމެއް ކުޅެވޭތޯ މަސައްކަތްކޮށްފަ އެވެ. އަދި ފުރަތަމަ ހާފްގައި ކުޅުދުއްފުށީ ޓީމުން މޮޅު ކުޅުމެއް ދެއްކިކަންވެސް ފާހަގަކޮށްލެވެ އެވެ.

ކުޅުދުއްފުށީ ސްޓޭޑިއަމް އޮފީސް ފުޓްސަލް މުބާރާތައް ތައްޔާރުކޮށްފައި އޮތުމުގެ ސަބަބުން އޭގެ ބަދަލުގައި ކުޅުދުއްފުށީގައި އޮންނަ “ހިރަފުސް ދަނޑު”ގައި ކުޅުނު މިމެޗުގައި ކުޅުދުއްފުށީ ޓީމްގެ ގޯލަށް މާޒިޔާއިން އެތައް ހަމާލަތަކެއް އަމާޒުކޮށްފައިވާއިރު ކުޅުދުއްފުށީ ޓީމުންވެސް ވަނީ ހަމަލާ އުފެދުމަށް މަސައްކަތްކޮށްފަ އެވެ.

ނިއުރޭޑިއަންޓް ދޫކޮށް މާޒިޔާއާ ގުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރ މުހައްމަދު އުމެއިރު ވަނީ އެ ޓީމުގެ ފުރަތަމަ 11ގައި މިއަދު ކުޅެފަ އެވެ.

ނިމިގެން ދިޔަ ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް ކުލަބް މާދަމާ ނޮޅިވަރަމް ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު މެޗު ބަލާލުމަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނޑަށް ގޮސްފައިވާއިރު ކުޅުދުއްފުށީ ޓީމަށް ހޫނު ތަރުހީބެއް ވަނީ ދީފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މާޒިޔާގެ އިމާޒް އެވެ. އަދި އޭނާއަށް ޓްރޮފީ ހަވާލުކޮށްދީފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ.

އިއްޔެ މާޒިޔާ އާއި ދިއްދޫ ބައްދަލުކުރި މެޗު 4-0 ކާމިޔާބުކޮށްފައިވަނީވެސް މާޒިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355