އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗު ކާމިޔާބު ކުރުމުން ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.
ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން 2-1 އިން ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓްގައި އެޑެން ހަޒާޑް ޖަހައިދިނީ އެޑެން ހަޒާޑް އެވެ. ދެވަނަ ހާފު ފެށުމާއެކު އެސްޓަން ވިލާގެ އޮކޯރޭ ލަނޑެއް ޖަހައި އެއްވަރުކޮށްދިން ނަމަވެސް އިވަނޮވިޗް ވަނީ ލަނޑެއް ޖަހައި ޗެލްސީ މޮޅުކޮށްދީފަ އެވެ.
ރޭ ޗެމްޕިއަން މެންޗެސްޓަރ ސިޓީވަނީ އަމިއްލަ ދަނޑުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފު ޑޭވިޑް މޭލާ ހަލް އަށް ލީޑު ނަގައިދިންއިރު ސިޓީ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ޖޭމްސް މިލްނާ ކާމިޔާބުކުރި ހިލޭ ޖެހުމަކުންނެވެ.
ރޭ އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައީ އާސެނަލް އަދި ޓޮޓެންހަމް ކުޅުނު މެޗުގަ އެވެ. މި މެޗުގެ ކުރީކޮޅު މެސުޓް އޯޒިލް ލަނޑެއް ޖަހައި އާސެނަލްއަށް ވަނީ ލީޑު ނަގައިދީފަ އެވެ. ނަމަވެސް މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފެއްދި ޓޮޓެންހަމްއިން ވަނީ 56 ވަނަ މިނެޓްގައި އަދި 86 ވަނަ މިނެޓްގައި ހެރީ ކޭން ޖަހައިދިން ލަނޑުތަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
ފަހު ވަގުތު މާނޭ ޖަހައިދިން ލަނޑުން ސައުތެމްޕްޓަން 1-0 އިން ކިއުޕީއާރު ބަލިކުރިއިރު ޖޯސެފް ލެޑްލީގެ ހަމައެކަނި ލަނޑުން ކްރިސްޓަލް ޕެލަސް އިން ވަނީ ލެސިސްޓަރ 1-0 އިން ބަލިކޮށްފަ އެވެ.
އެވަޓަން އަދި ލިވަޕޫލް ކުޅުނު މެޗު 0-0 އިން ނިމުނުއިރު ސްވެންސީ އަދި ސަންޑަލޭންޑްގެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިރޭ ކުޅެވޭ މެޗުތަކަށް ބަލާއިރު 17:00 ގައި ބައްދަލުކުރާނީ ބާންލީ އަދި ވެސްޓް ބްރޮމް އެވެ. 19:05 ގައި ނިއުކާސަލް އަދި ސްޓޯކް ކުޅޭއިރު މެންޗެސްޓަރ ޔުނައިޓެޑް އަދި ވެސްޓް ހޭމް ކުޅޭ މެޗު ފަށާނީ 21:15 ގަ އެވެ.