ނިމިގެން ދިޔަ ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް ކުލަބް އާއި ނޮޅިވަރަމް ޓީމް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު މާޒިޔާ ކާމިޔާބުކޮށްފި އެވެ. ނޮޅިވަރަމް ޓީމް އަތުން މާޒިޔާ މޮޅުވީ 10-1 އިންނެވެ.
މިއަދު ހަވީރު ނޮޅިވަރަމް ދަނޑުގައި މާޒިޔާ އާއި ނޮޅިވަރަމް ޓީމް ބައްދަލުކުރިއިރު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މެޗު ބަލާލުމަށް ދަނޑަށް އެއްވި އެވެ.
ނޮޅިވަރަމް ޓީމް އަތުން މާޒިޔާ ފަސޭހަ ކަމާއެކު މޮޅުވެފައިވާއިރު މާޒިޔާ މިހާރު ހއ އަދި ހދ ކުރަމުންދާ ދަތުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މާޒިޔާގެ ގޯލަށް ލަނޑެއް ކާމިޔާބުކުރެވުނު ހަމައެކަނި ޓީމަކީ ނޮޅިވަރަމް ޓީމެވެ.
މާޒިޔާ ދިއްދޫގެ ޓީމާ ބައްދަލުކުރި މެޗު 4-0 މާޒިޔާ ކާމިޔާބުކުރިއިރު ހއ އަތޮޅުން ހޮވާލެވުނު ޓީމާއެކު ކުޅެވުން މެޗު މާޒިޔާ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. އަދި ހުކުރު ދުވަހު ކުޅުދުއްފުށީ ޓީމާއެކު ކުޅެވުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކުރީ 7-0 ލަނޑުންނެވެ.
މާޒިޔާ މި ދަތުރުގައި ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް މިހާރު ނިމިފައިވާއިރު މިއަދު ނޮޅިވަރަމަށް މާޒިޔާ ޒިޔާރަތްކުރުމުން އެ ރަށުން ވަނީ މާޒިޔާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.