ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ކުއާޓަރގެ ފަހު ޖާގަތައް ކަސްޓަމްސް، އެމްއާރްޑީސީ އަދި އެމްއެންޑީއެފްއިން ހޯދައިފި އެވެ.
ރޭ ކުޅުނު ފުރަތަމަ މެޗު އެމްއާރްޑީސީއިން ކާމިޔާބުކުރީ އެމްއެންޔޫއާ ވާދަކޮށް 11-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ އަލީ ރިޒާ އެވެ. ގުރޫޕް ސީ ގެ ދެވަނަ އަށް އެމްއާރްޑީސީ ދިޔައިރު އެ ޓީމަށް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގުރޫޕް ބީ ގެ އެއްވަނަ އެސްޓީއޯއާ ދެކޮޅަށެވެ.
ރޭގެ ދެވަނަ މެޗުގައި ކަސްޓަމްސްއިން ވަނީ އުރީދޫ 12-2 އިން ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދާފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުމްތާޒް 4 ލަނޑު ޖެހިއިރު ޒައިދުވެސް ވަނީ 4 ލަނޑު ޖަހާފަ އެވެ. ކަސްޓަމްސް އަށް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގުރޫޕް އޭ ގެ ދެވަނަ ފަޔަރއާ އެވެ. ރޭގެ މެޗުގައި އުރީދޫން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓް ވަރަށް ރަނގަޅަށް ޑިފެންސްކޮށް ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ.
ރޭގެ ފަހު މެޗު އެމްއެންޑީއެފް އިން 5-2 އިން ކާމިޔާބުކުރިއިރު އެ ޓީމުގެ އަހްމަދު އަލީ އަދި އަލީ އަބޫބަކުރު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު 3-0 އިން ނިމުނު ކަމުގައިވިޔަސް ފަހު ހާފުގެ ކުރީކޮޅު އޭއީސީއިން ވަނީ ކައިރި ކައިރީ ދެ ލަނޑު ޖަހައި އެމްއެންޑީއެފް ހާސްކޮށްލާފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހްމަދު އަލީ (ފުރިކޯ) އެވެ.
ގުރޫޕް ސްޓޭޖްގެ މެޗުތައް މިހާތަނަށް ނިމިފައިވާއިރު 10 ވަނަ ދުވަހުގެ ރޭ ކުޅޭ ކުއާޓަރގެ ފުރަތަމަ މެޗުގައި ޕޮލިސް އަދި ހޮސްޕިޓަލް ބައްދަލުކުރާއިރު ދެވަނަ ކުއާޓަރގައި ބައްދަލުކުރާނީ ދިރާގު އަދި އެމްއެންޑީއެފް އެވެ.