ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީއަށް ޗެމްޕިއަން ޕޮލިސް އަދި ދިރާގު ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް މި ދެ ޓީމުންވެސް ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފަ އެވެ. މިގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް އިން ވަނީ 10-2 އިން ހޮސްޕިޓަލް ބަލިކޮށްފަ އެވެ. މި މެޗުގެ 18 ވަނަ ސުކުންތުގައި މި މުބާރާތުގައި އެންމެ އަވަހަށް ކާމިޔާބުކުރި ލަނޑު ޖަހައި އެ ޓީމުން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ.
އަދި މެޗުގެ ތިން ވަނަ މިނެޓްގައި އިތުރު ގޯލެއް ކާމިިޔާބުކޮށްފައިވާއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިސް ޓީމުން ވަނީ 6 ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުވެސް ޕޮލިސް ޓީމުން ވަނީ މޮޅަށް ކުޅެ އިތުރު ގޯލުތަކެއް ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމު ކުރިން ކުޅުނު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ. އޭނާ މި މުބާރާތުގައި މިހާތަނަށް ޖުމްލަ 18 ގޯލު ޖަހައިފައިވެ އެވެ.
ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ދިރާގު އަދި އެމްއެންޑީއެފް ވާދަކުރިއިރު މި މެޗު 7-1 އިން ކާމިޔާބުކުރީ ދިރާގުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން އެމްއެންޑީއެފްއިން ކުރިން ޕްރެސް ކޮށްގެން ކުޅުނުއިރު ކައުންޓަރ އެޓޭކްގައި ދިރާގަށް ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔާޒް އަހުމަދެވެ. އޭނާ ރޭގެ މެޗުގައި 6 ލަނޑު ޖަހައިފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އަޔާޒް އެވެ.
ފުރަތަމަ ހާފު 3-0 އިން ނިމިގެން ދިޔަ ނަމަވެސް ފަހު ހާފު އެމްއެންޑީއެފްއިން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. އެގޮތުން ފަހު ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ޓީމަށް ދިރުން ގެނެސްދީފަ އެވެ. ނަމަވެސް ދިރާގުންވަނީ އަލުން ކުޅުން ރަނގަޅުކޮށް އިތުރު ހަތަރު ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ޕޮލިސް އަދި ދިރާގެވެ. ދިރާގު އަދި ޕޮލިސް މި މުބާރާތުގައި މީގެ ކުރިން ހަތަރު ފަހަރެއްގެ މަތީން ވާދަކޮށްފައިވާއިރު މީގެ ތެރެއިން ތިން ކުރިމަތިލުން ކާމިޔާބުކޮށްފައިވަނީ ޕޮލިސްއިންނެވެ. 2010 އަދި 2013 ވަނަ އަހަރުގެ ސެމީގައިވެސް މި ދެ ޓީމު ކުޅެފައިވާއިރު ދެ މެޗުވެސް ކާމިޔާބުކުރީ ޕޮލިހުންނެވެ. މި މުބާރާތުގެ ބޭރުން ޕޮލިސް އަދި ދިރާގު 2012 ވަނަ އަހަރުގެ ޕޮލިސް އިންވިޓޭޝަނަލް ކަޕްގައި ދެ ފަހަރެއްގެ މަތީން ބައްދަލުކުރިއިރު ދެ މެޗުވެސް ކާމިޔާބުކުރީ ދިރާގުންނެވެ.
މިރޭ ކުޅޭ ކުއާޓަރ ފައިނަލުގެ ތިން ވަނަ މެޗުގައި އެސްޓީއޯ އަދި އެމްއާރްޑީސީ ކުޅޭއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސް އަދި ފަޔަރ އެވެ.