twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕޮލިސް އަދި އެސްޓީއޯ ފައިނަލަށް

Feb 14, 2015

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލަށް އެސްޓީއޯ އަދި ޕޮލިސް ދަތުރުކޮށްފި އެވެ.

ރޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދިރާގާއި ޕޮލިސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންވެސް 1-1 ލަނޑުން އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ފެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ދިރާގުގެ މައްޗަށް ޕޮލިސް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 6-5 ންނެވެ. އެންމެފަހުގެ ޗެމްޕިއަން ޕޮލިސް ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ދިރާގުގެ އަޔާޒް އަހުމަދު ޖެހި ޕެނަލްޓީ ވަނީ ޕޮލިސްގެ ގޯލް ކީޕަރ ދިފާއުކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ގޯލް ކާމިޔާބުކުރީ ދިރާގުގެ އަހުމަދު ދާއޫދު އަދި ޕޮލިސްގެ ފަރުހަތު މުހައްމަދެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ޕޮލިސްގެ އަލީ ރިޝްވާނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަޔާ އަދި އެސްޓީއޯ ވާދަކުރި މި މެޗު 2-4 ލަނޑުން ކާމިޔާބުކުރީ އެސްޓީއޯ އެވެ. މި މެޗުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ އެސްޓީއޯގެ މުހައްމަދު ޝާފީ އެވެ. ރޭގެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެސްޓީއޯގެ އަސްޖައު މޫސާ، ނަދީމް އާދަމް، އާސިފް މުހައްމަދު އަދި ހަސަން މުހައްމަދެވެ. އަދި ފަޔާ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ގާސިމާއި މުހައްމަދު ގާސިމެވެ.

ކުޅުދުއްފުށީގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ޕޮލިސް އާއި އެސްޓީއޯ ދަތުރުކޮށްފައިވާއިރު ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355