twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޮފީސް މުބާރާތުގެ ތަށި ވިދިވިދިގެން ތިން ވަނަ ފަހަރަށް ޕޮލިހަށް

Feb 16, 2015

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ތަށި ވިދިވިދިގެން ތިން ވަނަ ފަހަރަށް ޕޮލިސް އިން ކާމިޔާބުކޮށްފި އެވެ.

ރޭ ޒޯން ސްޓޭޑިއަމް 1 ގައި ކުޅުނު ފައިނަލް މެޗު ޕޮލިސް އިން ކާމިޔާބުކުރީ 2-1 އިން އެސްޓީއޯ ބަލިކޮށްގެންނެވެ. ރޭ ގެ މެޗުގެ ފުރަތަމަ ހާފު މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެސްޓީއޯ ޓީމުންނެވެ. މިގޮތުން ފުރަތަމަ ހާފުގައި އެސްޓީއޯ ގެ އަހުމަދު ނަދީމް ވަނީ ލަނޑެއް ޖަހައި ލީޑު ހޯދާފަ އެވެ.

ދެވަނަ ހާފު ފެށުމާއެކު ޕޮލިސް ޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ޓީމުގެ ފަހުމީ ފޮނުވާލި ބޯޅަ ގޯލުގެ މަތިން ދިޔައިރު ދެން ފެނިގެން ދިޔައީ އެސްޓީއޯގެ ހަމަލާއެކެވެ. އެ ޓީމުގެ އަސްޖައު މުޅިން ހުސްކޮށްލާފައި ހަސަނަށް ދިން ބޯޅަ ހަސަން ފޮނުވާލީ ހުރަސް ދަނޑި މަތިންނެވެ.

ފަހު ހާފުގެ 4 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ޕޮލިސް ޓީމުގެ ފަހުމީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއިރު ދެން ފެނިގެން ދިޔައީ ޕޮލިސް ޓީމު ގޭމް ކޮންޓްރޯލް ކުރަމުން ގެންދިޔަ ތަނެވެ. މިގޮތުން މެޗުގެ 38 ވަނަ މިނެޓްގައި މުބާރާތުގައި 17 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި އިބްރާހިމް ހަސަން ވަނީ ޕޮލިހަށް ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމު މޮޅުކޮށްދީފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްޓީއޯގެ ޝާފިއު މުހައްމަދެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ޝާފިއު ހިމެނިފައިވާއިރު ދެން މި ލިސްޓްގައި ހިމެނިފައިވަނީ އެ ޓީމުގެ ހަސަން މުހައްމަދު، ޕޮލިސްގެ ކީޕަރ ހުސައިން އަލީ، އެ ޓީމުގެ އިބްރާހިމް ހަސަންގެ އިތުރުން ދިރާގުގެ އަޔާޒް އަހުމަދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެސްޓީއޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355