twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުތައް އެއްވަރު

Feb 18, 2015

ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެއްޖެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ޝަކުތަރުއާ ބަޔާން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ބަލިނުވެ މިހާރު 32 މެޗު ހަމަކޮށްފައިވާއިރު ރޭގެ މެޗުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޕީއެސްޖީއިންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު މަޓުއިޑީ އަދި އިބްރާހިމޮވިޗް ބޮލުން ކައިރިކައިރީގައި ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރ ކޯޓޮއިސް އެވެ.

ނަމަވެސް ޗެލްސީގެ ތިން ޑިފެންޑަރުން ގުޅިގެން އުފެއްދި ހަމަލާއަކުން ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. ޖޯން ޓެރީ ހުރަސްކޮށްލި ބޯޅައެއް، ގެރީ ކެހިލް ބެކް ފުލިކެއް ޖެހުމުން ބޮލުން ޖަހައި ގޯލަށް ވައްދާލީ ޗެލްސީގެ އިވަނޮވިޗެވެ.

ދެވަނަ ހާފު ޕީއެސްޖީއިން ވަރުގަދައަށް ފެށިއިރު ދެވަނަ ހާފުގެ ކުރީކޮޅު ކަވާނީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި ގިނަ ހަމަލާތަކެއް ދެވަނަ އުފައްދާފައިވީ ނަމަވެސް ވޭތުވެދިޔަ އަހަރުވެސް އަވޭ ގޯލުގެ އުސޫލުން ޗެލްސީ އަތުން ކެޓި ޕީއެސްޖީއަށް ޗެލްސީގެ ގޯލު ފޫއަޅުވާލުމުގައިވަނީ ނާކާމިޔާބުވެފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޝަކުތަރުއިން ވަނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކު މޮޅުވިޔަ ނުދީ ހިފަހައްޓާފަ އެވެ. މުޅި މެޗުވެސް ބަޔާން އިން ކޮންޓްރޯލް ކުރަމުން ދިޔައިރު ގިނަ ހަމަލާތަކެއް ވަނީ އުފައްދާފަ އެވެ. ނަމަވެސް ޑިފެންސިވް ކޮށް ކުޅެމުން ދިޔަ ޝަކުތަރުއިން ވަނީ ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ.

މި މެޗުގެ 65 ވަނަ މިނެޓްގައި ބަޔާންގެ ޒާބީ އެލޮންސޯއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެލޮންސޯ ކުޅުނު 100 ވަނަ މެޗުކަން ފާހަގަ ކޮށްލެވެ އެވެ.

މިރޭ ޗެމްޕިއަންސް ލީގުގައި ޝާލްކޭއާއި ރިއަލް މެޑްރިޑް ބައްދަލުކުރާއިރު ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަސެލް އަދި ޕޯޓޯ އެވެ. ދެ މެޗުވެސް ފެށޭނީ ރާއްޖެ ގަޑިން 0045 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355