twitterviber whatsapp telegramfacebookyoutube instagram
9th September 2026

އިނގިރޭސި ލީގު ކަޕް ޗެލްސީއިން ކާމިޔާބުކޮށްފި

Mar 2, 2015

އިނގިރޭސި ލީގު ކަޕް ޗެލްސީއިން ކާމިޔާބުކޮށްފި އެވެ.

ރޭ އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-0 އިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ޗެލްސީއިން ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އެވެ.

ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެމުން ދިޔަ ޗެލްސީއިން ޓޮޓެންހަމްގެ ޒުވާން ޓީމުގެ ހިތް މަރާލީ މެޗުގެ 56 ވަނަ މިނެޓްގައި ޑިއޭގޯ ކޯސްޓާ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ޑިފެންޑަރު ކީލީ ވޯކާގެ ފައިގައި ޖެހި ބައިކޮޅަށް ވަދެގެން ދިއުމާ އެކު އެވެ.

މިއީ ޗެލްސީއާ ދެވަނަ ފަހަރަށް ހަވާލުވި މޮރީނިއޯ އަށް މި ފަހަރު ކާމިޔާބުކުރެވުނު ފުރަތަމަ ޓްރޮފީ އެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައިވެސް ފޯރިގަދަ ދެ މެޗު ވަނީ ކުޅެފަ އެވެ. މިގޮތުން ލިވަޕޫލްގެ ހެންޑަސަން އަދި ކޯޓީނިއޯ ޖެހި ވަރަށް ރީތި ދެ ލަނޑުން ލިވަޕޫލްއިން ވަނީ 2-1 އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ލިވަޕޫލްއިން ލީޑު ނެގި ނަމަވެސް މެންޗެސްޓަރ ސިޓީ އިން ވަނީ މެޗުގެ 23 ވަނަ މިނެޓްގައި ޒެކޯގެ ލަނޑަކުން އެއްވަރުކޮށްފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި އާސެނަލް އިން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫޑް އަދި ރޮސިސްކީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293