ތިމާވެއްޓަށް ގެއްލުން ކުޑަވާނެހެން މުޅިން އައު ކޮންސެޕްޓަކަށް ފަރުމާކޮށް، ހަދަމުން އަންނަ ހއ.ބާރަށު ޖެޓީގެ މަސަކަތުގެ ބޮޑު ބައެއްގެ ނިމިއްޖެ އެވެ.
ޔޮޓްތައް އަޅާފައި ބެހެއްޓޭ ފެންވަރަށް ހއ. ބާރަށުގައި ތަރައްގީ ކުރާ މި ޖެޓީ ހެދުމަށް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހަދަމުން އަންނަ ހޯގާޑް ކުންފުންޏާ އެވެ.
22 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި ޖެޓީގައި ޔޮޓް މެރީނާ އާއި ޕެސެންޖާ އޭރިޔާ ހަދާފައިވާނީ ލަކުޑިން ޑެގް އަޅައިގެންނެވެ. ޖެޓީގައި ހިމެނޭ ބާކީ ބައި ހަދާފައިވަނީ ކޮންކްރީޓުންނެވެ.
ބާރަށު ކައުންސިލްގެ ރައީސް މުހައްމަދު އަބްދުލްހަކީމް ” ކުޅުދުއްފުށި އޮންލައިނަށް “ވިދާޅުވީ ބަދަރުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ނިންމާނުލެވި ހުރީ ރިވެޓް ޖެހުމާއި ހޮޅިދަނޑިި ޖެހުން ފަދަ މަސައްކަތްކަމަށެވެ.
ނުވަ މަސްދުވަހުގެ ތެރޭގައި ޖެޓީގެ ބޮޑު ބައެއް އެއްކޮށް ނިންމާފައިވީ ނަމަވެސް މަސައްކަތްތައް ނިމި ރައްޔިތުންނަށް ޖެޓީގެ ބޭނުން ހިފޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށްވެސް އަބްދުލްހަކީމް ވިދާޅުވި އެވެ.
އެމް.ޓީ ހޯގާރޑާއި ހަވާލުކޮށްގެން ހއ ބާރަށުގައި ހަދާ މި ބަނދަރުގެ މަސައްކަތު އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މި އެއްބަސް ވުމުގައި ސޮއިކުރެއްވުމަށް ފަހު ހައުސިން މިނިސްޓަރ އޭރު ވިދާޅުވީ މަސައްކަތް ފަށާތާ ގާތްގަނޑަކަށް 260 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެ ޖެޓީ އަކީ ވަރަށް ރަނގަޅު ފެންވަރަކަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށެވެ.
މުއިއްޒު ވިދާޅުވިގޮތުގައި އެ ރަށުގެ މާހައުލު އޮތް ގޮތުން ބަނދަރެއް ހެދުމަށް ވުރެ ރަނގަޅީ ޖެޓީއެއް ހެދުމުން އެކަމުން އެ ރަށަށް ކުރާނެ ފައިދާ ވަރަށް ބޮޑު ކަމަށެވެ. އަދި އެ ރަށުގައި ހަދާ ޖެޓީގެ ސަބަބުން އެ ރަށަށް ލަފާ ފުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ގޮތަކަށް ފަރުމާކޮށްގެން ހަދާ ފުރަތަމަ ޖެޓީ އެވެ. މި ޖެޓީގެ ސަބަބުން އެރަށް އިތުރަށް ތަރައްގީވެ އުމްރާނީ ގޮތުން ވެސް ކުރިއެރުންތައް ލިބިގެންދާނެ އެވެ.