ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހުރި 4 ކުޅިވަރު ކޯޓް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން އިއުލާން ކޮށްފި އެވެ.
މި އިއުލާނުގައި ވާގޮތުން ކޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން އޭޕްރިލް 16 ވާ ބުރާސްފަތި ދުވަހު 14:00 އަށް ކައުންސިލުން ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 23 އޭޕްރިލް ވާ ހޯމަދުވަހު އަންދާސީ ހިސާބު ހުށައެޅުވުމަށް އެދިފައިވެއެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވަނީ ވޮލީ ކޯޓާއި ބާސްކެޓް ކޯޓާއި ނެޓްބޯލް ކޯޓާއި އަދި ބަށިކޯޓެވެ. މި ކޯޓްތަކުގެ ލައިޓިން ތަރައްގީކުރުމުގެ މަސައްކަތް ވެސް ވަނީ މި ޕްރޮޖެކްޓްގެ ދަށުން ހިމަނާފަ އެވެ.
މީގެ އިތުރުން މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ކަންވެސް މި އިއުލާނުގައި ވެއެވެ.
ޒޯން ސްޓޭޑިމް 1 ގައި ހުރި ކުޅިވަރު ކޯޓުތަކަކީ މަރާމާތު ނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކޯޓްތަކެކެވެ.