ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި އެޅުމަށް ސަރުކާރުން ނިންމި ބަނދަރުގެ ސާރވޭގެ މަސައްކަތް މި އަހަރުގެ މެދެއްހާތާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީއާ ހަވާލާދީ ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން “ކުޅުދުއްފުށި އޮންލައިން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލަށް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ވެލިގަނޑު ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނުކުރާނެ ކަމަށާއި އެއީ އެ ސަރަހައްދުގައި ބަނދަރެއް ހަދާ ހިއްކި ސަރަހައްދު ތަރައްގީކޮށް ރައްކާތެރިކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
ވެލިގަނޑުގެ ބޮޑު ސަރަހައްދެއް ގިރާފައިވާއިރު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ބަނދަރު ހެދުމަށް ނިންމާފައިވާތީ ވެލިގަނޑު ރައްކާތެރިކުރުމަށް ކައުންސިލުން މިހާރު ވަކި މަސައްކަތެއް ކުރަމުންނުދާ ކަމަށެވެ. އަދި މިނިސްޓްރީންވެސް ރިވެޓްމެންޓް ޖެހުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އަންގާފައިވާ ކަމަށް އައިމަން ވިދާޅުވީއެވެ.
މީގެކުރިން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުއްﷲ ޒިޔާދު މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށިން ހިއްކާފައިވާ ސަރަހައްދު ތަރައްގީ ކުރުމަށް ފަށާ މަޝްރޫއު ފެށުމުން އެ ސަރަހައްދުގައިވާ ސަރަހައްދީ ބަނދަރު ބޮޑުވެ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދު ގިރުން ހުއްޓިގެން ދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މަޝްރޫއު ނިމިގެންދާއިރު އެ ސަރަހައްދުގައި ރީޖަނަލް ޕޯޓެއް ތަރައްގީވެ އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކަކަށް ފަސޭހަވެގެން ދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހިއްކި ސަރަހައްދުގެ ހުރިހާ ދިމާލަކުން ގާތްގަނޑަކަށް 500 ފޫޓް މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށް މީގެ ކުރިން ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.
2010 ވަނަ އަހަރު ހިއްކި މި ސަރަހައްދުގެ ވަރަށް ބޮޑުބައެއް މީގެ ކުރިންވެސް ވަނީ ގިރައިގެން ގޮސްފައެވެ. އެ ސަރަހައްދު ހިއްކަން ވެލި އެޅިފަހުން އެ ސަރަހައްދުގެ ވެލިގަނޑު ހިފެހެއްޓުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.