ސިފައިންނާއި ފުލުހުން ރައްޔިތުންގެ ކުރިމަތީ އެބޭފުޅުންގެ އަގު ވެއްޓޭނެހެން މަސައްކަތް ނުކުރުމަށް އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ޝެއިހް އިމްރާން މިހެން ވިދާޅުވީ ރޭ “އަނިޔާވެރިކަމާ ދެކޮޅަށް” ނަމުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ސިފައިންނާ ފުލުހުން ރައްޔިތުންގެ ކުރިމަތީ އެބޭފުޅުންގެ އަގު ވެއްޓޭނެހެން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާކަމަށާއި ގާނޫނު އަސާސީ ކުރިމަތީ ސާބިތުވެ ގާނޫނާ ހިލާފަށް ހިނގާ ކޮންމެ ކަމަކަށް ނޫނެކޭ ބުނުމަށް ފުހުލުންނާ ސިފައިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ޝެއިހް އިމްރާން ވިދާޅުވީ ބޮޑެތި ކަންކަމައިގެން ނުކުންނަ މީހުންގެ ކުރިމައްޗަށް ވަރުގަދަ ފާރުތަކުގެ ހުރަސް ތައް ކުރިމަތިވާނެކަމަށާއި ދިމާވާ ހުރަސްތައް ގިރާކޮށް އެ ހުރަސްތައް ފަހަނައަޅާ ކުރިއަށް ގޮސް އޭގެ ހަގީގީ ކާމިޔާބާ ހަމައަށް ދެވުމުން އެންމެނަށް ވެސް އެދެވުނީ ކާމިޔާބާ ހަމައަށްކަން އެނގޭނެ ކަމަށެވެ. އަދި އެބޭފުޅުން އަޒުމަކީ ކާމިޔާބާ ހަމައަށް ވާސިލްވުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އެބޭފުޅުން މި އަޒުމްގައި ނުކުންނަން ޖެހުނީ ރައްޔިތުންނަށް މިހާރު ލިބެމުންދާ އަނިޔާ ހުއްޓުވުމަށް ކަމަށާއި އެހެންނަމަވެސް މިއީ ސަރުކާރާ ދެކޮޅުވެގެން ކުރާކަމެއް ނޫންކަމަށެވެ. އަދި މިގައުމުގައި އޮންނަންޖެހޭނީ އަދުލް އިންސާފާއި ގާނޫނު އަސާސީ އާއި ރައްޔިތުންގެ ވެރިކަމެއް ކަމަށްވެސް ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ވަނީ ޕީޕީއެމްގެ މެންބަރުންނަށްވެސް އެބޭފުޅުންގެ މަސައްކަތުގައި އެއްބައިވުމަށް ގޮވާލާފަ އެވެ. އަދި ކަރަންޓް ބިލް ބޮޑުވެފައިވަނީ އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ ބޭފުޅުންނަށް އެކަނިނޫން ކަމަށް ވިދާޅުވެ ޝެއިހް އިތުރަށް ވިދާޅުވީ މިކަމުގައި ގެއްލުން ވެފައިވަނީ ވަކިބަޔަކަށް ނޫންކަމަށެވެ.
އެބޭފުޅުން އިންސާފު ހޯދުމަށް މި ކުރާ މަސައްކަތުގައި ވަރަށް ގިނަ ވާހަކަ ދައްކައި، އެއްބޭފުޅަކު އަނެއް ބޭފުޅަކު ޖައްސަވާ އެބޭފުޅުންގެ މެދުގައި ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތް ކުރައްވައި ކަމަށާއި ނަމަވެސް މިކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ވިދާޅުވީ ދިވެހި ރައްޔިތުން ސާބިތުކަމާ އެކު ކެރިގެން ކުރިމަތިލައި އަނިޔާވެރިކަން ފުހެލައި މި ގައުމުން އަނިޔާވެރިކަން ނައްތާލާނެ ކަމަށެވެ.