twitterviber whatsapp telegramfacebookyoutube instagram
19th April 2024

މެޑްރިޑް ޑާބީ އެއްވަރުވިއިރު ޔުވެންޓަސް އިން މޮނާކޯ ބަލިކޮށްފި

Apr 15, 2015

ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރިއަލް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ޔުވެންޓަސްއިން ވަނީ މޮނާކޯ 1-0 އިން ބަލިކޮށްފަ އެވެ

ރޭ ކުއާޓަރ ފައިނަލުގެ މެޗުތައް ފެށުނުއިރު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑް  ރަށުން ބޭރުގައި ނުކުތީ އެންމެ ފަހުގެ ރަނަރއަޕް އެތުލެޓިކޯއާ ދެކޮޅަށެވެ. މިއީ މި ސީޒަނުގައި ރިއަލް މެޑްރިޑަށް އެތުލެޓިކޯ ބަލިނުކުރެވުނު ހަތްވަނަ ފަހަރެވެ. ރޭ ގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ރިއަލް މެޑްރިޑުންނެވެ.

މިގޮތުން މެޗުގެ ތިންވަނަ މިނެޓްގައި އެތުލެޓިކޯގެ ޑިފެންޑަރު ޑިއޭގޯ ގޯޑިން ހެދި ގޯހަކުން ބޭލް އަށް  ލިބުނު ހުސް ފުރުސަތު މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޖޭން އޮބްލަކް ވަނީ ދިފާޢުކޮށްފަ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ހާފުގެ މެދުތެރެއިން ރޮނާލްޑޯ ޖެހި ހިލޭ ޖެހުންވެސް ވަނީ އޮބްލަކް ދިފާއުކޮށްފަ އެވެ. ބޭލް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވެސްވީ އޮބްލަކް އެވެ.

މީގެ އިތުރުން ޖޭމްސް ރޮޑްރިގޭޒް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްވެސް ވަނީ އޮބްލަކް ދިފާޢުކޮށްފަ އެވެ. އެތުލެޓިކޯ މެޗުގެ ފަހު ހާފު ކުޅުން ރަނގަޅުކޮށްފައިވާއިރު މުޅި މެޗުގައިވެސް އެތުލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ހަމަލާ އުފެއްދުނީ ސާޖިއޯ ރާމޯސް ދިން ބެކް ޕާހަކުން އެންޓޮއިން ގުރިޒްމަންއަށް ލިބުނު ހުސް ފުރުސަތެވެ. ނަމަވެސް އެ ހަމަލާވަނީ އިކަރ ކަސިޔަސް ދިފާޢުކޮށްފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޔުވެންޓަސްއިން ވަނީ މޮނާކޯ ބަލިކޮށްފަ އެވެ. ރޭގެ މެޗުގަ ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 57 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވިޑާލް އެވެ. ރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސްއިން ކުޅުނު ކަމުގައިވިޔަސް ގިނަ ހަމަލާތައް ކައުންޓަރގައި އުފައްދާފައިވަނީ މޮނާކޯއިންނެވެ. ނަމަވެސް ޔުވެންޓަސްގެ ކީޕަރ ބުފޮން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭގެ މެޗުގައި ދެ ޓީމުންވެސް ބޮޑަށް ކުޅެފައިވަނީ ދުރުން ސޮޓް ނަގާ ގޭމެކެވެ. މިގޮތުން 16 ވަރަކަށް ޕެނަލްޓީ އޭރިޔާ ބޭރުން 16 ވަރަކަށް ސޮޓް ފެނިގެން ގޮސްފައިވެ އެވެ.

މިރޭވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ޕީއެސްޖީ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ޕޯޓޯ ނުކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ. މެޗުތައް ފެށޭނީ 23:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355