twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކްލަބް މޯލްޑިވްސް ކަޕް ގެ ޗެމްޕިއަންކަން އެސްޓީއޯއިން ހޯދައިފި

Apr 19, 2015

މައިލޯ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އެސްޓީއޯއިން ހޯދައިފި އެވެ.

އިއްޔެ ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި އެސްޓީއޯ އަދި އެލައިޑް ކުޅުނުއިރު މި މެޗު އެސްޓީއޯއިން ކާމިޔާބުކުރީ 5-4 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުގެ ނަތީޖާ 2-2 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ އެސްޓީއޯއިން މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އެސްޓީއޯގެ އިމްރާން މުހައްމަދު(އިންމި) ކާމިޔާބުކުރިއިރު އެލައިޑުގެ މުހައްމަދު ރިފްއަތު (ޕެން) ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި ދެވަނަ ހާފުގެ 35 ވަނަ މިނެޓްގައި އެލައިޑުގެ އަބްދުﷲ މުއާޒު (އޮޓޯ) ވަނީ ލަނޑެއް ޖަހައި އެލައިޑަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މެޗުގެ ސަޅި ގޯލުގެ އިތުރުން މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދި އިންމި ވަނީ މެޗުގެ ފަހު ވަގުތު އެސްޓީއޯ އަށް ލަނޑެއްޖަހައި އެއްވަރުކޮށްދީ ޕެނަލްޓީއަށް ގެންގޮސްދީފަ އެވެ.

އެސްޓީއޯއިން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކުރިއިރު އެލައިޑްގެ އެއް ޕެނަލްޓީވަނީ ނާކާމިޔާބުވެފަ އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އިންމިގެ އިތުރުން. އެ ޓީމުގެ ކީޕަރ މުސާ ފަތުހީއާއި އެލައިޑްގެ އިބްރާހިމް މުބީން (މުއްކި) އާއި އެ ޓީމުގެ ރިފްއަތު (ޕެން) ގެ އިތުރުން އެމްއޭސީއެލްގެ އަލީ ހައިޝަމް (ޗުމްޕު) އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަށް ހޮވުނީ އިސްމާއީލް އީސާ (މެސީ) ގެ އިތުރުން އަލީ ހައިޝަމް (ޗުމްޕް) އެވެ. މި ކުޅުންތެރިންވަނީ ކޮންމެ ކުޅުންތެރިޔަކު ޖުމްލަ 11 ގޯލު ޖަހާފަ އެވެ. ފެއަރ ޕްލޭ ކުޅުންތެރިޔަކަށް އެލައިޑްގެ ރިފްއަތު ހޮވުނުއިރު ޕެއަރ ޕްލޭ ޓީމަކީ ކަސްޓަމްސް އެވެ.

އެންމެ މޮޅު ދެ ކޯޗުންނަށް އެސްޓީއޯގެ އަހުމަދު ނިޔާޒާއި އެލައިޑްގެ އިސްމާޢީލް ޝަރީފް އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ރާނީގެ ހެޓްރިކަކުން ޕޮލިސް ކުލަބް 6-2 އިން ބަލިކޮށްގެންނެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ރާނީއާއި، ފަދުވާއާއި، މައުލީނާ ނޮވްރިލިއާނީ އާއި ޕޮލިސް ކުލަބުގެ ސަބީނާގެ އިތުރުން ސިފައިންގެ ކުލަބުގެ އައިމިނަތު ޒާހިޔާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރާނީ ހޮވުނުއިރު 37 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ ރިކޯޑް ހަދާފައިވަނީ ޕޮލިސް ކުލަބުގެ ސަބީނާ އެވެ. ފެއަރ ޕްލޭ ކުޅުންތެރިޔަކަށް އިމިގްރޭޝަނުގެ މަރިޔަމް މިރުފަތު ހޮވުނުއިރު ފެއަރ ޕްލޭ ޓީމަކީ ޕޮލިސް ޓީމެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިމިގްރޭޝަނުގެ އާފިއު މުހައްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355