ދަރިވަރުންނަށް ހާއްސަކޮށް ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ސަބަބުން އެކުދިންގެ މުސްތަގުބަލަށް ތަފާތު ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އިރުމަތި އަވަށު ޕްރީ ސްކޫލް ހިންގުމާ ހަވާލުވެހުންނެވި ޝަމީމާ ހުސެއިން ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލިޓިލް މެއިޑް އަދި ގާރލް ގައިޑްގެ ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމީމާ ވިދާޅުވީ މިހާރު ކިޔަވައިދޭ ބައެއް މާއްދާތަކުގައި ދަރިވަރުންނަށް އަމަލީގޮތުން ކަންތައްތައް ކުރިއަށްގެންގޮސް، ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުސަތުވެސް ހޯދައިދެވޭ ކަމަށެވެ.
“މިހާރު ދެވޭ ތައުލީމްގެ ތެރެއިން ކިޔެވުން ކުލާސް ރޫމްގައި ދެވޭއިރު އޭގެ ތެރެއިން ބައެއް އެބަ އުނިވޭ. ދަރިވަރުންގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ދަސްކުރުވަން ޖެހޭ ކަންތައްތަކެއް އުނިވެގެން އެބަދޭ. އަޅުގަނޑު ގަބޫލު ކުރަނީ މިފަދަ ހަރަކާތްތައް ސްކޫލްގައި ބޭއްވުމުން ތައުލީމުގެ ތެރެއިން އުނިވާބާ އެބަ އެކުދިންނަށް ލިބޭކަމަށް ” ޝަމީމާ ވިދާޅުވި އެވެ.
ގާރލްގައިޑް އަދި ލިޓިލް މެއިޑްގެ ކުދިންނަށް ދިރިއުޅުމަށްޓަކާ ތައްޔާރުވުމުގެ ގޮތުން ތަފާތު ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ޝަމީމާ ފާހަގަކުރެއްވި އެވެ. އަދި މިފަދަ ހަރަކާތްތަކުން ދަރިވަރުން ދަސްކުރާ ކަންތައްތައް އަމިއްލަ ޒިންމާގެ ދަށުން ދަރިވަރުން ކުރުމަށް އެކުދިންގެ ކިބައިން އޭނާ އެދިލެއްވި އެވެ.
” އަޅުގަނޑު ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ މިދެނެއްވި ކަންތައްތައް ކުރުމަށް އެކުދިންނަށް ގޭ ގަ ކުރެވޭނެ ފުރުސަތު ދެއްވާށޭ. އެކުދިންގެ ދިރިއުޅުމުގައި ޒިންމާތަކެއް އޮންނަވާނެ. ހަމައެކަނި ކިޔެވުމުގެ މަރުހަލާއެއް ނޫން އެކުދިންނަށް އޮންނާނީކީ އެއް. އެކުދިންގެ މުސްތަގުބަލް ބިނާކުރަންޖެހޭކަން ވިސްނަދޭން ޖެހޭ” ޝަމީމާ ވިދާޅުވި އެވެ.
ޝަމީމާ ވިދާޅުވީ ކުދިންގެ ޅަ އުމުރުގައި އަމިއްލަ ކަންތައް ކުރުވާ އެކުދިން ގައިގާ އެ ސިފަ އަށަގަނުވަން ޖެހޭ ކަމަށެވެ.