“ހިތްހަމަނުޖެހޭ ގޮތަށް ބަހެއް ބުނާ އިރަށް ހައްޔަރުކޮށް ތޭރިތަކުގެ ބިތްދޮށަށްލައި ކަސްތޮޅު އަޅުވާ ސަގާފަތެއް ބޭނުންނުވާ ކަމަށް” އަދާލަތު ޕާޓީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވެއްޖެ އެވެ.
އަނާރާ ނައީމް މިހެން ވިދާޅުވެފައި މި ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ޓެރަރިޒަމްގެ ދައުވާއެއް ކޮށް ހައްޔަރު ކޮއްފައިވާ ދަނޑިވަޅެއްގައި އެވެ.
އަނާރާގެ ޓްވީޓް
1މެއި ގައި ހިނގި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭނެހެން ވާހަކަ ދައްކައި އެކަމުގެ ސަބަބުން ފުލުހުންނަށް އަނިޔާވެ އާއްމުންގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމުގެ ތުހުމަތުގައި އިމްރާންގެ މައްއަޗަށް ވަނީ ދައުވާ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި ރޭ ވަނީ އިމްރާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ.
އިމްރާން ވަނީ ރޭގެ ޝަރީއަތުގައި އޭނާއަށް ކުރި ދައުވާއަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ސޮބާހް ރަޝީދުގެ މައްޗަށް ވެސް ވަނީ މެއި 1ގެ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން ފުލުހުން ވަނީ އެދިފަ ވާއިރު ޕީޖީ އޮފީހުން ބުނެފައިވަނީ އެކަމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.