ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ހަލްކް ހޯދިއިރު، މޮޅު ކުޅުންތެރިޔާގެ މަޤާމު ފަރުހަތު މުހައްމަދު (ފަރޭ) ހޯދައިފި އެވެ.
މިއަދު ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު ހިރަފުސް ކަޕް 8 ގެ ފައިނަލް މެޗުގައި ބައްދަލުކުރީ ރެޑް ސްނެޕާސް އަދި ހަލްކް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 4-2 އިން ކާމިޔާބުކުރީ ހަލްކް އިންނެވެ.
މެޗުގެ 19 ވަނަ މިނެޓްގައި ހުރަސް ހަލްކްގެ އަހްސަން (އައްބެ) ހުރަސްކޮށްލި ބޯޅައަކުން ހެދި ސޮޓު ކީޕަރ މުހައްމަދު (ރެޑޭ) ދިފާއު ކުރުމުން ނުކުތް ބޯޅަ ގޯލަށް ވައްދާލައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަހްމަދު މުހައްމަދު (ފޮނިލާ) އެވެ.
ނި ލަނޑާއެކު ރެޑް ސްނެޕާސްގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައިވާއިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 34 ވަނަ މިނެޓްގައި ހަލްކްގެ ކީޕަރ އަބްތޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރެޑް ސްނެޕާސްގެ އަހްމަދު (ފޯއްޅެ) އެވެ.
ފުރަތަމަ ހާފު 1-1 އިން ނިމިގެން ދިޔައިރު ރެޑް ސްނެޕާސްގެ އަހްމަދު މުހައްމަދު (މިޓޯ) ވަނީ ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ލަނޑެއް ޖަހައި ލީޑު ހޯދާފަ އެވެ. ނަމަވެސް ތިން ލަނޑު ޖަހައި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފަރުހަތު ވަނީ 56 ވަނަ މިނެޓްގައި ހާފުގެ މެދަކާ ހިސާބުން އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ފަރުހަތު ހަލްކަށް ލީޑު ހޯދައިދިންއިރު ލީޑު ފުޅާކުރީ މެޗުގެ 81 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހަލްކްގެ ފަރުހަތު މުހައްމަދު (ފަރޭ) ހޮވުނުއިރު، ދެވަނަ އަށް މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ރެޑް ސްނެޕާސްގެ އަހްމަދު ދާއޫދު (ފޯއްޅެ) އަށެވެ. އަދި ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔަކަށް އެފްސީ ފާނޫޒްގެ އަސްލަމް މުހައްމަދު (ލަމްބޯ) ހޮވުނުއިރު އަސްލަމް ވަނީ 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގައި ޖުމްލަ 7 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަލްކްގެ އަހްމަދު މުހައްމަދު (ފޮނިލާ) އެވެ. މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ބްލެކް ޑަސްޓްގެ މުހައްމަދު އިބްރާހިމް (އޮލޭ) ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފްޓީ ބީސްގެ އަރުޝަދު މުހައްމަދު (އަރޭ) އެވެ.
މުބާރާތް ނިމުމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި މުބާރާތުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ތައްޓާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ދިރާގު ކޭއޯސީގެ މެނޭޖަރ މުހައްމަދު ހަސަން، ހިރަފުސް ދަނޑުގެ ރައީސް މުހައްމަދު ހަސަންގެ އިތުރުން އަހްމަދު ހަސަން ރޯޝަންހާރު އެވެ.