twitterviber whatsapp telegramfacebookyoutube instagram
26th April 2024

“ބިލީފް” އިން ކުޅުދުއްފުށީގެ ފަޅުތެރެ ސާފުކޮށް 2 ލޮރީގެ ކުނި ނަގައިފި

Mar 4, 2016

ކުޅުދުއްފުށީގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ “ބިލީފް” ގުރޫޕުން އިސްނަގައިން، ގިނަ މުވައްސަސާތެކެއްގެ އެހީތެރިކަމާއެކު ކުޅުދުއްފުށި އުތުރު ބަނދަރާ ދިމާލު ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކޮށްފިއެވެ.

މިހަރަކާތުގައި އަުތުރު ބަނދަރު ފަޅުތެރެއިން ފްރީ ޑައިވްކޮށްގެން ގިނަ އަދަދެއްގެ ޕްލާސްޓިކު އަދި ދަގަނޑުގެ ބާވަތްތަކުގެ ކުނި ނަގާފައިވެއެވެ. އޭގެ ތެރޭގައި ޓައިރު އަދި ޕުލާސްޓިކު ފުޅިފަދަ ތަކެތި ހިމެނޭއިރު އެ ސަރަހައްދުން 2 ލޮރީ ފުރާ ކުނި ނަގާފައިވެއެވެ.

“ލެގޫން ކްލީން އަޕް”ގެ ނަމުގައި މިޔަދު މެންދުރުފަހު ކުރިޔަށްގެންދިޔަ މި ހަރަކާތް 14:00 ފެށިގެން ހަވީރު 16:30 އަށް ކުރިޔަށްގޮސްފައިވެއެވެ.

މި ހަރަކާތުގައި ފަޅުތެރެއިން ކުނި ނެގުމުގައި ކުޅުދުއްފުށި ފްރީ ޑައިވަރުންނާއި އޯޕަން ވޯޓަރ ސްޕޯރޓްސް، ކޮރަލް ކްލަބު، ޕޮލިސް އަދި އެމްއެންޑީއެފްގެ ފްރީ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައިއެވެ. މީގެއިތުރުން ޖަލާލުއްދީން ސްކޫލް ސްކައުޓްސްއާއި އަފީފުއްދީން ސްކޫލްގެ ކެޑޭޓް، ރެޑް ކްރެސެންޓް އަދި ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ކުޅުދުއްފުށި ކައުންސިލުގެ ފަރާތުންވެސް އެއްބާރުލުން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވޮލަންޓިއަރުން ފަޅުތެރެއިން ޓައިރެއް ނެގުމަށް އެހީތެރިވެދެނީ — ފޮޓޯ ނާސިދު

“ބިލީފް” ގެ ފައުންޑަރ އަފާ ހުސެން “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ވިދާޅުވީ މިފަދަ ހަރަކާތެއް ބޭއްވުމުގައި އެހީތެރިވެދިން ފަރާތްތަކަށާއި ސްޕޮންސަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ހައްގުވާ ކަމަށެވެ. އަދި މިހަރަކާތްތަކުގައި ބިލީފްގެ ވޮލަންޓިއަރުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތަކަށް ވެސް އަފާ ޝުކުރު އަދާކުރެއްވި އެވެ.

ރަށުތެރެ ސާފުތާހިރުތަނެއްގެ ގޮތުގައި ބާއްވާ ތިމާވެށި ހިމާޔަތް ކުރުމުގެ މަގުސަދުގައި ބިލީފުން މިފަދަ ބޮޑު ހަރަކާތެއް ބޭއްވި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން ބިލީފުން ވަނީ “ކޮމިއުނިޓީ ކްލީންއަޕް”ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވާ ކުޅުދުއްފުށި ހިއްކި ބިމުގެ ބޮޑު ސަރަހައްދަކުން ކުނި ހޮވައި ސާފުކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355