ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި 2025 އިން 17 އޮގަސްޓު 2025 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިފަހަރުގެ މުބާރާތުގައިވެސް ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމާއި ޙާފިޒުންގެ ގޮފީގައި ދަރިވަރުންނަށް ވާދަކުރެވެއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ 3 ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި ޙާފިޒުންގެ ބަޔާއި ކުލަބު ޖަމިއްޔާތަކުގެ ބައެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.