ހިރަފުސް ފުޓްސަލް ޗެލްންޖް ކަޕް 2016 ގެ ޗެމްޕިއަންކަން ބޭލާއިން ހޯދައިފި އެވެ.
ރޭ ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި ކުޅުނު ފައިނަލް މެޗު ބޭލާއިން ކާމިޔާބުކުރީ 5-4 އިން ބިއަޑްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ބޭލާއިންނެވެ. މިއީ މެޗުގެ 9 ވަނަ މިނެޓްގައި ބޭލާގެ ހާފު ތެރެއިން ބޭލާގެ އަމްޖަދު މުހައްމަދު (އަމްޖޭ) ފޮނުވާލި ބާރު ޝޮޓު ބިއަޑްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ. ނަމަވެސް މި ލަނޑު ޖެހިތާ އެއް މިނެޓް ފަހުން އަމްޖޭ އަށް ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އަސްވަދު ރަޝީދު (އަސްލޭ) ވަނީ ބިއަޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ބިއަޑްގެ މުހައްމަދު ޝާފީ ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްލާފަ އެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރު ތަކެއް ނުވެ ބޭލާގެ އަލީ މިސްބާހު (މިސްޓެ) ވަނީ ރިބައުންސް އެއްގައި ނުކުތް ބޯޅައެއް ވަރަށް ހުސްކޮށްހުރެ ވައްދާލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ ފަސްވަނަ މިނެޓްގައި އަމްޖޭ ވަނީ މެދު ރޮނގާ ހިސާބުން ބާރު ޝޮޓެއް ހަދައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލިޑު ނަގައިފަ އެވެ.
ބޭލާއިން ލީޑު ފުޅާކުރީ މެޗުގެ 12 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު ރިޒާ (ރިޒަޅޭ) އެވެ.
މެޗުގެ 16 ވަނަ މިނެޓްގައި ބިއަޑް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ކައުންޓަރ އެޓޭކެއްގައި ވަރަށް ހަމަޖެހިލާފައި ލަނޑެއް ޖެހި ނަމަވެސް މިސްޓެ ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓައި ލަނޑެއް ޖަހައި 5-3 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މެޗުގެ ފަހު މިނެޓްގައި ހަސަން މުހައްމަދު (ނޫވިލޭ) ބިއަޑަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ 5-4 ބަދަލުކޮށްލި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ރޭ ގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޭލާގެ އަމްޖަދު މުހައްމަދު އެވެ. މުބާރާތުގައި 22 ގޯލު ޖަހައިގެން ރަން ބޫޓް ހާސިލް ކުރި ބިއަޑްގެ ހަސަން މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބޭލާގެ ކޯޗު އުމަރު ޔަހުޔާ އެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ބޭލާގެ އަމްޖަދު މުހައްމަދު، އެ ޓީމުގެ އަހްމަދު ރިޒާ، ބިއަޑްގެ ހަސަން މުހައްމަދު، ބިއަޑްގެ ގޯލް ކީޕަރ އަރުޝަދު ރަޝީދުގެ އިތުރުން ބާނިން ޔުނައިޓެޑްގެ ހުސައިން ރަޝީދު (ބިގޭ) އެވެ.