ޤައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ޤައުމީ ޓީމުގެ ކޯޗު ކަމުގެ މަޤާމުން ދުރުކޮށްފި އެވެ.
2015 ވަނަ އަހަރު އަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ޤައުމީ ޓީމުގެ ކޯޗު ކަމަށް އައްޔަން ކުރި ރިކީ ހާބަޓް މިއަދު މަޤާމުން ދުރުކޮށްފައިވާއިރު، ޤައުމީ ޓީމުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) އެވެ. ކޯޗު ކަމުގައި ހޭދަކުރި މުއްދަތުގައި ގިނަ އޮފިޝަލުންތަކަކާ ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން އެސިސްޓެންޓް ކޯޗު އައްސަދު އަބްދުލް ޣަނީ އަދި ގޯލް ކީޕަރ ޓްރޭނަރ އަސްލަމް އަބްދުލް ރަހީމްވެސް ވަނީ ޓީމުން އިސްތިއުފާދީފަ އެވެ.
ކޯޗު ކަމުން ވަކިކޮށްފައިވަނީ ނަތީޖާ ނުނެރެވޭތީ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން އޭސިޔަން ކަޕް ކޮލފައިންގައި ދާދި ފަހުން ޔަމަނާ ދެކޮޅަށް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެފައެވެ. ޤައުމީ ޓީމު މިއަދު ވަނީ ޔަމަނާ ދެކޮޅަށް ކުޅެން މިއަދު ޤަތަރަށް ފުރާފަ އެވެ.
ރިކީ ހާބަޓްގެ ދަށުން ޤައުމީ ޓީމު ތިން މުބާރާތެއްގައި ވާދަކޮށްފައިވާއިރު ތިން މުބާރާތުންވެސް ކެޓީ ސެމީ ފައނަލުންނެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕާއި، ބަންގުބަންދު ގޯލްޑް ކަޕްގެ އިތުރުން ސައުތު އޭސިޔަން ގޭމްސްގައި ވާދަކޮށްފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން 4 މެޗުން ވަނީ ޓީމު ބަލިވެފަ އެވެ.
ރިކީ ހާބަޓް ގެ ކޯޗު ކަމުގެ ދަށުން ޤައުމީ ޓީމު ޖުމްލަ 19 މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ 7 މެޗުންނެވެ. މީގެ ތެރެއިން 3 މެޗަކީ ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗު ތަކެވެ. 11 މެޗުން ބަލިވެފައިވާއިރު 1 މެޗުން އެއްވަރު ވެފައިވެ އެވެ. ނަމަވެސް ރިކީ ހާބަޓް ވަނީ ޤައުމީ ޓީމުން ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދީފަ އެވެ.
ރިކީ ހާބަޓް އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނިއުޒިލެންޑަށް ކޯޗުކަންވެސް ކޮށްދީފައިވާ ކޯޗެކެވެ. އަދި އޭނާ ވަނީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނިއުޒިލެންޑް ޓީމަށްވެސް ކުޅެފަ އެވެ.
ޤައުމީ ޓީމުގެ ކޯޗު ކަމުގެ މަޤާމުގައި އެއްވެސް ކޯޗަކަށް މާގިނަ ދުވަހު ނުހުރެވޭކަން ފާހަގަކޮށްލެވެ އެވެ.