twitterviber whatsapp telegramfacebookyoutube instagram
18th May 2024

މިނިވަން ފުޓްބޯޅަ މުބާރާތާއެކު ކުޅުދުއްފުށި އުފަލުން ނަށަނީ

Aug 16, 2016

 

މިހާރު ކުރިއަށްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ޓީމް ކުޅުދުއްފުށި މި ވަނީ ވަރަށް ފުރިހަމަ އަށް ދަތުރު ކޮށްފަ އެވެ. މި މުބާރާތުގެ ފައިނަލުގައި ޓީމު ކުޅުދުއްފުށި ހަނިމާދޫއާ ދެކޮޅަށް ނުކުންނައިރު ރަށުގެ ރައްޔިތުންގެ ފަރާތުން މިފަހަރު ފެނިގެން ގޮސްފައިވަނީ އެހެންޏާ ނުފެންނަ ފަދަ އެކުވެރިކަމަކާ އެއްބައިވަންތަ ކަމެކެވެ. ހަޤީޤަތުގައި އަޅުގަނޑުމެން އުފާކޮށް ފަޚްރުވެރިވާންވީ ފަދަ މަންޒަރުތަކެކެވެ. 1990 ގެ އަހަރުތަކުގައި ފެނިގެންގޮސްފައިވާފަދަ ފޯރިއެކެވެ.

ކުޅުދުއްފުށީ ރައްޔިތުންނަކީ އަބަދުވެސް އެ ކުރަން ފައި ވިއްދައިފި ކަމެއް ނިކަން ވަރު ބަހައްޓައިގެން ނިންމާލާ ބައެކެވެ. އަބަދުވެސް ނިކަން ވަރުގަދަ “ކިކެއް” ހުންނަ ބައެކެވެ. ނަމަވެސް މި “ކިކު” ނެރެލަން އިސް ނަގާނެ ބަޔަކު ނެތުމަކީ މިފަދަ ކަމެއް ކާމިޔާބު ނުކުރެވިފައި އޮތް ސަބަބެވެ. އެހެނަސް ކުޅުދުއްފުށީގެ ޒުވާނުން ކޮޅެއް އިސްނަގައިގެން މިހާރު މި ވަނީ ރަށުގެ އެންމެހާ ރައްޔިތުން އެކަތި ގަނޑަކަށް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. މިކަމުގައި ބައިވެރިނުވުމަކީ ލަދު ކަމަކަށް ވާވަރަށް ހިންގާލައިފި އެވެ. ކޮންމެ މީހަކުވެސް މިހާރުދަނީ އެމީހަކަށް ވެވުނު ގޮތަކުން އެހީތައް ފޯރުކޮށްދީ ނޫނީ އަމަލީ ގޮތުން މިކަމުގައި ބައިވެރިވަމުންނެވެ.

ސަޕޯޓަރުންތަކެއް ލަނޑެއް ޖެހުމުން ނަށަނީ

މިފަހަރުގެ މުބާރާތުގެ ތަށި ލިބުމުގެ ކުރިން ސަޕޯޓަރުންގެ ޓްރޮފީ މިހާރު މިއޮތީ ޔަޤީން ކޮށްފަ އެވެ. ރަށުގެ ރައްޔިތުން އެކަތި ގަނޑަކަށް ހަދާފަ އެވެ. އިތުރަށް ކާމިޔާބުކުރެވޭ މި މުބާރާތުގެ ޓްރޮފީއަކީ ބޯނަހެއްކަން ޔަޤީނެވެ. ރަށުގެ ރައްޔިތުން ދަނީ ބޭރުގެ ފެންވަރަށް ސަޕޯޓް ދެމުން ވިލާތުގެ މޮޅެތި ކަންތައްތައް ފަޚްރުވެރިކަމާއެކު ނަކަލު ކުރަމުންނެވެ. ސައިކަލުގައާއި ކާރުފަދަ ވެހިކަލުތަކުގައި ޖަހަން ގެނައި 3000 ސްޓިކާ ވިކިގެން ދިޔައީ ބަޑި ޖަހާފަ އެވެ. ޓީމުގެ ދިދަތައް ހިލޭ ބެހިއިރު އެ އެއްޗެހިތަކަށްވެސް އޮތީ ނުހަނު ބޮޑު ޑިމާންޑެކެވެ. ޓީމުގެ ސްކާފްތަކާއި ހެޑް ބޭންޑްތައްވެސް އޮންނަނީ މެޗު ގަޑީގައި މަދުވެފަ އެވެ. ޓީމާ އެއް ޑިޒައިނަކުން ގެނައި 200 ޖާޒީ ވިކިގެން ދިޔައީ ވިއްކަން ފެށިތާ ކުޑައިރުކޮޅެއްތެރޭގަ އެވެ. ނުވިތާކަށް ވިކުނު ޖާޒީ ތަކުގެ އަގު ނީލަމުގައި 2500 ރުފިޔާއާ ހިސާބަށްވެސް އަރައިގެން ދިޔައީ މިކަމަށް އޮތް ތަރުހީބެއްގެ ބޮޑުކަމުން އެވެ. މިހުރީ މިފަހަރުގެ ކާމިޔާބީ ރަމްޒްކޮށްދޭ އެތައް ކަމަކުން ހަމަ ފޮޅުވަތެކެވެ.

މިފަދަ މަންޒަރުތަކަކީ ބައެއް މީހުންގެ މޭ ނުލާހިކު ބޮޑަށް ކަރާނެ ކަންކަމެވެ. ބަޔަކަށް “ހަޖަމު” ކޮށްލަންވެސް ދަތިވާނެ ފަދަ މަންޒަރުތަކެވެ. އެހެން ކަމުން އަޅުގަނޑުމެންނަށް އަމާޒު ކޮށް ފޮނުވާލާފާނެ ނުރައްކާތެރި ރޭވުންތަކާއި ހަމަލާތަކަށް ވިސްނައިގެން ތިބުމަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ކުރިއާލައި އެޅޭނެ މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ. އަދި މި ޖޯޝާއި ފޯރީގެ އަޑި އާއި އުސް އަންނާނެކަން ކަށަވަރެވެ. ނަމަވެސް ކާމިޔާބު ވާނީ ފަހަތަށް ނުބަލައި މި ދަނޑިވަޅުގައި ހިނގަން ކެރިއްޖެނަމަ އެވެ. އޭރަށް ހަމައެކަނި ކާމިޔާބު ލިބިގެންދާނީ ފުޓްބޯޅައަކުން އެކަންޏެއް ނޫނެވެ. މިގޮތުގައި ހިފަހައްޓާލެވިއްޖެނަމަ މިކަން ވެގެންދާނީ މުޅި ރަށުގެ ތަރައްޤީއަށްވެސް އެޅިގެންދާނެ މުހިއްމު ބިންގަލަކަށެވެ.

ނެއްލައިދޫ ކޮޅަށް ދެވަނަ ލަނޑު ޖެހުމަށްފަހު ޓީމު އުފާފާޅު ކުރަނީ

 

މިފަދަ ކަމެއް ކާމިޔާބުވުމުގައި އެތައް ބަޔެއްގެ އެހީތެރިކަން ވަނީ ލިބިފަ އެވެ. ފާޅުގަ އާއި ސިއްރިޔާތުގަ އެވެ. އަޅުގަނޑުމެންގެ ތެރެއަށް އައިސްފައިވާ ސިޔާސީ ބައިބައިވުންތަކާއެކު މިފަދަ އެއްބައިވަންތަކަމުގެ އަސަރުތައް ވަނީ ނުލާހިކު ފަނޑުވެފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކާ ބަލާފައި މިފަދަ ދެބައިވުންތައް މަދު ރަށަކަށް ވުމެވެ. މިހާރު ފެނިގެން މިދަނީ މަދުން ނޫނީ ނުފެންނާނެފަދަ މަންޒަރުތަކެކެވެ. އުފާކުރުން ލާޒިމް ކަންތައްތަކެކެވެ. މިއަދު ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރާއިރު ސްޓޭޑިއަމް އަށް ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ވަޑައިގެން ޓީމަށް ސަޕޯޓް ދިނުމުގައި ބައިވެރިވުމަކީ މި ދަނޑިވަޅުގައި ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.  އަދި ނަތީޖާ ކޮންމެފަދަ ގޮތަކަށް ނުކުތް ކަމުގައިވިޔަސް މި ފޯރިއާއި ޖޯޝް އަދި އެއްބައިވަންތަކަން އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ނުހަނު ބޮޑު ވާޖިބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355