ކުއަންޓަމް ފިހާރައިގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ކުއަންޓަމް ވެޓަރަންސް ކަޕް 2016 ފަށައިފި އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ އެފްސީ ކިކް އަދި ހީވޭ ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކުރީ އެފްސީ ކިކް އެވެ. މި މެޗުގައި އެފްސީ ކިކްގެ އަލީ ޒިޔާދު (ބޮޑު ސައި) އަދި މެޗުގެ މޭން އޮފް ދަ މެޗު ހޯދި އަސްލަމް މުހައްމަދު (ލަމްބޯ) ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައިވެ އެވެ.
މި މެޗުގައި ހީވޭ ޖެހި ލަނޑުތަކުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މުހައްމަދު ޒަކަރިއްޔާ (އާވެހި މޯޑު) އެވެ. އަނެއް ލަނޑު ޖަހައިދިނީ އިބްރާހިމް ހަސަން (ގޮމައްޓޭ) އެވެ، މި މެޗުގައި ހީވޭއިން ވަނީ 2-0 އިން ބަލިކޮށް އޮވެ ފަހަތުން އަރައި 3-2 ގެ ލީޑެއް ނަގާފަ އެވެ. ނަމަވެސް ބޮޑުސައި އަލީ ފަހު ވަގުތު ޖަހައިދިން ދެ ލަނޑުން އެފްސީ ކިކްއިން ވަނީ އަލުން ލީޑު ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ.
ރޭ ކުޅުނު ދެވަނަ މެޗު އައްޒަ77 އިން ވަނީ 10-2 އިން ޓޫ50 ބަލިކޮށްފަ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗު ހޯދި އައްޒަ77 ގެ ބަޝީރު ޔޫސުފް ވަނީ 5 ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން މުހައްމަދު އަބްދުލް ކަރީމް (ކަޅޭ) 3 ލަނޑު ޖަހާފައިވާއިރު، މައުރޫފް އާދަމް (މާއްޓޭ) އަދި އަލީ އަހްމަދު ވެސް ވަނީ ލަނޑު ޖަހާފަ އެވެ، ޓޫ50 އިން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އާދަމް މުހައްމަދު (ކުޑަ އާދަނު) އެވެ.
މިރޭވެސް މި މުބާރާތުގައި ދެ މެޗު ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕިއޭރާ އަދި ވޭތޯ އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހިލުވާލި އަދި އެފްސީ ސިލްވަރ ކުޝަން އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށާއި، އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށާއި އަދި 45 އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދޭއިރު ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން މި ކުޅުންތެރިންނަށް ގިފްޓް ކާޑުވެސް ވަނީ ހުށަހެޅިފަ އެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން 35 އަހަރުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުއަންޓަމް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.