މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު ކުޅުދުއްފުށިން ނެރޭ ޓީމަށް ރާއްޖޭއިން ބޭރުގެ 3 ކުޅުންތެރިނާއި ރަށުން ބޭރުގެ ކުޅުންތެރިން ހިމަނާ ޓީމު ވަރުގަދަކުރަން ހަމަޖެފައިވާކަމަށް ކައުންސިލް ބުނެފި އެވެ.
ރާއްޖޭއިން ބޭރުން ގެންނަން ހަމަޖެހިފައިވަނީ ނައިޖީރިއާގެ 3 ކުޅުންތެރިންނެވެ. މިހާރުވެސް ކުޅުދުއްފުށީ ޓީމުގެ ޕްރެކްޓިކްސްތަކުގެ ހަނިމާދޫގެ ކުޅުންތެރިޔަކާއި މުލަކުގެ ކުޅުންތެރިންއެއްގެ އިތުރުން ނެއްލައިދޫގެ ކުޅުންތެރިންއެއް ދަނީ ބައިވެރިވަމުންނެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅިވަރުގެ ހަރަކާތްތަކުގެ އުޅުއްވާ ކައުންސިލަރު އިބުރާހިމް އައްބާސް ވިދާޅުވީ މިދިޔަ އަހަރުގެ ފައިނަލު މެޗުން ދިމާވި ހިތި ތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން ބިދޭސީ ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިން ޓީމުގައި ހިމަނާފައިވާ ކަމަށެވެ. އިބުރާހިމް ވިދާޅުވީ މިއަހަރުގެ ޓާގެޓަކީ އަތޮޅު މުބާރާތުގެ ތަށި ކާމިޔާބުކުރުން ކަމަށެވެ.
ކައުންސިލް ރައީސް އަލީ މުހައްމަދު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ޓީމަށް ކުރިން ކައުންސިލުން ހަރަދުކުރަން ނިންމީ 1 ލައްކަ ރުފިޔާ ނަމަވެސް ޓީމުގެ މެނޭޖްމެންޓާއި ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް އެދުމުގެ މަތިން ޓިމުގެ ހުރިހާ ހަރަދެއް ކައުންސިލުން ކުރަން ނިންމާފައިވާ ކަމަށެވެ.