twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހަނިމާދޫ އިން ނޮޅިވަރަމް ސެމީ ފައިނަލުގައި ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފި

Apr 3, 2017

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2015 ވަނަ އަހަރުގެ ޗެމްޕިއަން ނޮޅިވަރަމް 2-0 އިން ބަލިކޮށް 2016 ވަނަ އަހަރުގެ ޗެމްޕިއަން ހަނިމާދޫއިން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގައި ހަނިމާދޫއިން މޮޅަށް ކުޅެފައިވީ ނަމަވެސް ފުރަތަމަ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ނޮޅިވަރަމަށެވެ. މިއީ މެޗުގެ 12 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ތެރެއަށް ހުސްކޮށްލި ބޯޅައެއްގައި ނޮޅިވަރަމްގެ ޖާޒީ ނަންބަރު 21 ޑީޖޭއަށް ލިބުނު ފުރުސަތެކެވެ. ނަމަވެސް އޭނާ މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރިއިރު ރިބައުންސްގައި އުފެދުނު ހަމަލާގައިވެސް އޭނާއަށްވަނީ ހުސް ޗާންސެއް ލިބި ބޭކާރުކޮށްލާފަ އެވެ.

ހަނިމާދޫއަށް ފުރަތަމަ ލަނޑު ޖަހާނެ ފުރުސަތެއް ލިބުނީ މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 4 އެއްޓިބެ އަށެވެ. ނަމަވެސް އޭނާއަށް ކީޕަރު އޭރިޔާ ތެރޭގައި ހުއްޓައި ލިބުނު ފުރުސަތު ފައިގައި ޖެހިފައި ދިޔައީ ކީޕަރުގެ އަތަށެވެ.

ހަނިމާދޫއިން މެޗުގައި ލީޑު ނެގީ މެޗުގެ 29 ވަނަ މިނެޓްގައި ހާފުގެ މެދަކާ ހިސާބު އަރިމަތިން ޓީމުގެ ކެޕްޓަން ހައްލަ ހުރަސްކޮށްލި ބޯޅައެއް ނޮޅިވަރަމްގެ ކީޕަރު ފީބޯ ހިފަން އުޅުމުގެ ތެރޭގައި ގޯލު އޭރިޔާ ތެރެއަށް ވެއްޓި، ގޯލު އޭރިޔާ ތެރޭ ހުރި އަބްދުﷲ ނާސިރު އަށް ލިބުމުން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި އެއްޓިބެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް 24 ނަންބަރު އަހްމަދު ހަލީލް މުޅިން ހުސްކޮށްހުރެ ފޮނުވާލީ ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓްގައި ހަނިމާދޫއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއްގައި އެ ޓީމުގެ ޖާޒީ ނަންބަރު 5 މީހާ މުޅިން ހުސްކޮށްހުރެ ކާމިޔާބުކުރި ލަނޑެކެވެ.

މި މުބާރާތުގައި މިހާތަނަށް ހަނިމާދޫ ކޮޅަށް އެއްވެސް ޓީމަކަށް އަދި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މި މަހުގެ 5 ވަނަ ދުވަހު ކުޅޭ މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކުރާނީ 2016 ވަނަ އަހަރުގެ ފައިނަލުގައި ވެސް ބައްދަލު ކުރި ދެ ޓީމު ކަމުގައިވާ ކުޅުދުއްފުށި އަދި ހަނިމާދޫ އެވެ. ފާއިތުވެދިޔަ އަހަރުގެ ފައިނަލުގައި ހަނިމާދޫއިން ވަނީ 9-0 އިން ކުޅުދުއްފުށި ބަލިކޮށް އެ ޓީމު ލަދުގަންނަވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355