އެމްއެމްއާރުއޭ އާ ގުޅިގެން ކުޅުުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ރޭސިން އިވެންޓްގެ މިސްޓަރ ޝޯޑައުންއަށް ބަތާނާ ރޭސިންގެ މުހައްމަދު އަލީ ހޮވިއްޖެ އެވެ.
ރޭސިން އިވެންޓް އިއްޔެ ނިންމާލާފައިވާއިރު އެކި ރޭސްތަކުން ވަނަ ވަނައަށް ދިޔަ ފަރާތަކަށް ވަނީ ޓްރޮޕީ ހަވާލުކޮށްފަ އެވެ.
އެގޮތުން 110 ސީސީ ވިނާރއަށް ހޮވިފައިވަނީ ބަތާނާ ރޭސިން ގެ އަލީ ސިމާން އެވެ. 125 ސީސީ ކާމިޔާބު ކުރީ ބީސްޓް ކްރޫގެ މުހައްމަދު ހުމާމެވެ. އަދި 150-250 އިވެންޓް ކާމިޔާބު ކުރީ ބީސްޓް ކްރޫގެ މާޖިދު ސަމީރެވެ.
ކާރު އިވެންޓްގެ ވިނާ އަކަށް ތަލްސްގެ އިބްރާހިމް މުހައްމަދު ހޮވިފައިވާއިރު ޗޮޕާ އިވެންޓް ކާމިޔާބުކޮށްފައިވަނީ ބީސްޓް ކުރޫގެ އިސްމާއިލް އަހުސަން އެވެ.
މޮޓޯ ސައިކަލް ސްޓަންޓް އިވެންޓްގެ އެއްވަނަ އަދި ދެވަނަ ހޯދާފައިވަނީ ކްރޫ ކެރޯއިންނެވެ. 1 ވަނަ އެ ގްރޫޕްގެ އަހުމީމް ހޯދާފައިވާއިރު 2 ވަނަ ހޯދާފައިވަނީ ސައިފް މުހައްމަދެވެ. މޮޓޯސައިކަލް ސްޓަންޓް އިވެންޓްގެ 3 ވަނަ ހޯދާފައިވަނީ އިންކޮނިކް ރައިޑަރޒް ގެ މުހައްމަދު ޝިފާންއެވެ.
ބައިސްކަލް ސްޓަންޓް އިވެންޓްގެ 1 ވަނަ 2 ވަަނަ އަދި 3 ވަނަ ވެސް ހޯދާފައިވަނީ ސިންކޮނިކް ރައިޑާެރޒްއިންނެވެ. އެގޮތުން ބައިސްކަލް އިވެންޓްގެ 1 ވަަނަ އެ ގްރޫޕްގެ އައިމަން ރަޝީދު ހޯދާފައިވާއިރު 2 ވަނަ ހޯދާފައިވަނީ ޝުއައިބް މުހައްމަދަ އަދި އައިމަން މުހައްމަދަށެވެ. އަދި ބައިސްކަލް އިވެންޓްގެ 3 ވަނަ ލިބުނީ އަމީން އާދަމް އަށެވެ.
މިއީ ކުޅުުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބޭއްވި މި ފަދަ 4 ވަނަ އިވެންޓެވެ. މި ފަހަރުގެ ޗޮޕާ އިވެންޓް މުޅިން އަލަށް ހިމަނާފައިވާއިރު ސްޓްންޓް އިވެންޓްތައްވެސް ބާއްވަފައިވަނީ ވަނަ ހޮވާގޮތަށެވެ.
މި އިވެންޓުގައި ވަނަވަނަ އަށް ދިޔަފަރާތްތަކަށް ޓްރޮފީގެ އިތުރުން މޮޓޮރައިޒްގެ ފަރާތުން ވަނީ އިނާމް ދީފަ އެވެ.
މި ފަހަރުގެ އިވެންޓްގައި 11 ޓީމުން ޖުމްލަ 40 ބައިވެރިއަކު ވަނީ ބައިވެރިވެފަ އެވެ. މި މަހު 19، 20 އަދި 21 ވަނަ ދުވަހު ކުޅުދުއްފުށީ އަމީނީމަގުގެ ދެކުނުކޮޅުގަ މި ރޭސްތައް ކުރިއަށް ގެންގޮސްފައިވަނީ 350 މީޓަރުގެ ޓްރެކެއްގައެވެ.