ކުޅުދުއްފުށީ ސަރަހައްދުގައި އޮތް ބޮޑު ދެ ފަޅެއް ތަރައްގީކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެެވެ.
“އުދުހޭ” ނަމުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސަރަހައްދުގައި އޮތް ބޮޑު ދެ ފަޅެއް ތަރައްގީކުރައްވާނެ ކަމަށާއި އެކަމުގައި މަސައްކަތް މާދަމާ މާލެގޮސް ކުރައްވާނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށިން ލޯންޗެއްގައި ފުރައިގެން މިނިޓުން ދެވޭހާ ވަރު ކައިރީގައި ބިޔަ ދެ ފަޅު އެބައޮތްކަމަށާއި އެ ދެ ފަޅުގައި ޒޫރިޒަމް ތަރައްގީކުރުމަށް މާދަމާ ގެޒެޓްކުރައްވާނެކަމަށެވެ. ޓޫރިޒަމް މިނިސްޓަރާއެކު އެފަޅުތަކަށް ގޮސް އެއާ ބެހޭ މައުލޫމާތު ހޯއްދަވާފައިވާކަމަށެވެ. އެގޮތުން އެއް ފަޅަކީ 780 ހެކްޓަރުގެ ބޮޑު ފަޅެއްކަމަށާއި އަނެއް ފަޅުގައި 1000 ހެކްޓަރަށްވުރެ ބޮޑުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިމަޝްރޫއުއަކީ 200 މިލިޔަން ރުފިޔާގެ ޕްރިޖެކްޓެއްކަމަށާއި މިކަމުން ފަތުރުވެރިކަން ތަރައްގީކޮށްގެން ހަތަރު ހާހެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަޅުތަކުގެ އިތުރުން ޒޫރިޒަމަށް ތަރައްގީކުރާނެ ރަށްތަށްވެސް އެބަހުރިކަމަށެވެ. އަދި ހދ ކޭލަކުނަކީ ސިނާއީ މަސައްކަތް ކުރުމަށް ދޫކުރެވިދާނެ ރަށެއްކަން ފާހަގަކުރެއްވި އެވެ.