ރާއްޖޭގެ ސްކޫލުތަކުގައި އަންނަ އަހަރު ދަރިވަރުން ފޮތްތަކާއި ޓެބްލެޓް ވެސް ބޭނުން ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު “މިހާރު” ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ޓެބްލެޓް ގެނެސްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި ޓެބްލެޓްތަކާއި އެކު ޓެކްސްޓް ފޮތްތައް ވެސް ބޭނުންކުރާނެ ކަމަށާއި ނަމަވެސް ޓެބްލެޓް ބޭނުންކުރުމަށް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ވެސް އަހުލުވެރިކުރުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އޭގެ އިތުރުން ޓެބްލެޓްތައް ބޭނުންކުރަން ފަށާނީ އަހަރުގެ ކިހާ ހިސާބެއްގައި ކަމެއް ހާމަނުކުރާ ކަމުގައި ވިޔަސް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެގޮތުން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި މި މަޝްރޫއުގައި ޓެބްލެޓްތައް ބޭނުންކުރާނީ ދަރިވަރުންނަށް އެކަމުން އެންމެ ފަސޭހަ އަދި ފައިދާ ކުރާނެ ގޮތަކަށް ކަމަށާއި އެކަން ބެލުމަށް ދިރާސާތައް ހަދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.