އުރީދޫ ކަލަރ ރަން ހުޅުމާލޭގައި ބާއްވައިފިއެވެ. ހުކުރުދުވަހު ހަވީރު ބޭއްވުނު 5 ކިލޯމީޓަރުގެ މި ދުވުމުގައި ރެކޯރޑް އަދަދަކަށް ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
އުރީދޫ ކަލަރ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނޭފަދަ މަޖާ އިވެންޓެއް ކަމަށް އުރީދޫއިން ބުނެއެވެ.
ުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރަމުންގެންދިޔައެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކީ ފަންނާނުން ކަމުގައިވާ ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން، ޑީޖޭ ޑީވައިޑީ، ޑީޖޭ އާލިމް އަދި އިކުއަޓިކް ވައިބް ފަދަ ހުނަރުވެރި ފަންނާނުންގެ މިއުޒިކް ވަނީ ހުށައަޅައިދީފަ އެވެ.
ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން ޑާންސް ކުރުމުގެ ހުނަރުތައް، ހަރަކާތްތެރިކަން އަދި އެކުގައި ބައިވެރިވި ދުވުންތެރިންގެ އަދަދަށް ބަލައި މާރކްސް ދިނުމަށްފަހު އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ ވަނީ ހޮވާފައެވެ. މީގެ އިތުރުން އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ހޮވާފައިވަނީ ހެދުންއެޅުމުގެ ވައްޓަފާޅިއާއި ކްރިއޭޓިވިޓީ އަދި ޕާރފޯމަންސަށް މާރކްސް ދިނުމަށްފަހުގައެވެ. މި މަގާމުތައް ހާސިލްކުރި ކޮންމެ ބައިވެރިއަކަށް އުރީދޫ މޯލްޑިވްސްއިން 5،000 ރުފިޔާގެ ފައިސާގެ ހަދިޔާއަކާއި އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ހާްއްސަ ހަދިޔާއެއް ވަނީ ހަވާލުކޮށްފައެވެ. އަދި މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ ޖޮގްކޮށްފަ ދުވެފަ އަދި ނަށަމުން ދުވުންނިންމި ބައިވެރިންނަށްވެސް މެޑަލްދީ ދުވުމުގެ ނިމުން ފާހަގަކުރިއެވެ.
އުރީދޫ ކަލަރ ރަން އިއްޔެ ނިމުމާއިއެކު ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިފަދަ ފޯރިގަދަ އަދި ކުލަގަދަ ދުވުމެއް ބޭއްވުމާއި އެކުވެސް ހުޅުމާލޭގެ މަގުތަކާއި މާހައުލު ސާފުކޮށް ބޭއްވުމަކީ އުރީދޫއިން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫ ކަލަރ ރަން ބޭއްވުނީ ޔުނިކްސް ސްޕޯރޓިންގ ގެ ބައިވެރިވުމާއެކު، ޓްރެއިން ވިތް ކައި، އައިރަނާރސް، އައިކެއަރ އޮޕްޓިކަލްސް އަދި 100 ޕްލަސްގެ އެހީތެރިކަމާ އެއްބާރުލުމާއެކުއެވެ.