twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝަރުއީ ގޮތުން ކަނޑައެޅިފައިވާ ބަދަލު ދިނުމަށްފަހު ނޫނީ ގެތަކުން ނުނެރެވޭނެ، އެއީ ބޮޑު ޖަރީމާއެއް !

Sep 5, 2018

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯތި ފަސްދުވަހުގެ ތެރޭގައި ހުސްކޮށް، ނިކުންނަށް ބުނުމަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށާއި ޝަރުއީ ގޮތުން ކަނޑައެޅިފައިވާ ބަދަލު ދިނުމަށްފަހު ނޫނީ ގެތަކުން ނުނެރެވޭނެކަމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯތި ހުސްކުރަން އެންގީ މިމަހު ދެ ވަނަ ދުވަހު އެ ގެތަކުގެ ވެރިންނަށް ރީޖަނަލް އެއާޕޯޓްސްއިން ފޮނުވި ވައިބާއިން ފޮނުވި ލިޔުމެއްގަ އެވެ. އެލިޔުމުގައި ސޮއިކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް އެމްޑީ ސާމީ އަގީލެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވީ ކޮންމެ މީހަކާ މެދުވެސް އަމަލުކުރަން ޖެހޭނީ ހަމަހަމަގޮތެއްގައި ކަމަށާއި މީހެއްގެ މުދަލެއް ނެގޭނެ ހަމަތައް ގާނޫނުތަކުގައި ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ކޯޓުން ހުކުމްކޮށް ކަނޑައެޅޭ ބަދަލު އެބަޔަކަށް ލިބުމަށް ފަހު ނޫނީ ނުރެވޭނެކަމަށެވެ. އެގޮތަށް އެކަން ހިނގާފައިނުވާކަން ނަސްރުﷲ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް ހަދަމުންދަނީ މުޅި އެސަރަހައްދު ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށެވެ. 18 ގެއެއް އެހެން ސަރަހައްދުތަކަށް ބަދަލުކުރާއިރު 50 ގެއެއް އިމާރާތްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ލިބޭ ކިހާ ބޮޑު ގެއްލުމެއް ތޯ ނަސްރުﷲ ވަނީ ވިދާޅުވެފަ އެވެ.

“ބައެއް ގެތަށް މި ނެގެނީ 2 ބުރިއަށް އަނެއްބައި ގޭތަށް މި ނެގެނީ 4 ބުރިއަށްށް މިއީ އެ ހިސާބުގެ ރައްޔިތުންނަށް ލިބޭ ކިހާ ބޮޑު ގެއްލުމެއްތޯ.” ނަސްރުﷲ ވިދާޅުވި އެވެ.

އެއާޕޯޓުގެ ގަވައިދުތައް ހުންނަ ގޮތުން އެއާޕޯޓްއަކާ ވަކި ދުރުމިނެއްގައި ނޫނީ އިމާރާތްތައް ނުކުރެވޭއިރު އިމާރާތްކުރާ ތަންތަން ހުންނަ ޖެހޭނީ ވަކި އުސްމިނަކަށްކަން އޭނާ ފާހަގަކުރެއްވި އެވެ. ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓް އެޅިނަމަ އެގޮތަށް ކަންތައް ކުރަން ނުޖެހުނީސްކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް ގާއިމުކުރަނީ އެތަކެއް ރައްޔިތުންގެ ހައްގުތައް ގެއްލޭގޮތަށް ކަމަށެވެ.

” ޤާނޫނުގައި ބުނާ މައްސަލައެއްގައި ހުކުމް ކުރުމަށްފަހު ނުވަތަ ޝަރުއީ އަދި އެބަ ހުރޭ އެތައް ބައިވަރު މަރުހަލާތަކެއް އެ މަރުހަލާތަކުން ދަތުރު ކުރުމުގެ ހައްގަކީ ޤާނުނު އަސާސީން ވަރަށް ސާފުކޮށް ލިބިދޭން ޖެހޭ އެއްޗެއް. 10 ދުވަސް އެބަ ލިބެން ޖެހޭ އެންމެ ކުޑަކޮށްވެސް އިސްތިއުނާފަށްވެސް. އިސްތިއުނާފު ކުރާނެ މުއްދަތެއް ނުދީ އެ މީހުންނަކަށް އެގޮތަކަށް އަމަލެއް ނުކުރެވެނެ. ސަބަބަކީ މިހާރު ތިޔަ ބޭފުޅުނަށް ހަމަ ރަނގަޅަށް ވިސްނާލިމަ އެނގޭނެ އިސްތިއުނާފުކުރާނެ ފުރުސަތު ނުދީ ނެރޭކަމުގައި ވަންޏާ ފަހުން ކޯޓަކަށް ގޮސް އިސްތިއުނާފު ކުރާއިރުގައި ރައްޔިތު މީހާ ނިކުންނަށް ނުޖެހޭކަމުގައި ވަންޏާ ކިހިނެއްތޯ ކަންތައް ކުރާނީ. އެއިރު އެއޮށްފެންނަނީ އިސްތިއުނާފުކުރުމުގެ ފުރުސަތު ނުދީ އެ މީހުން ނެރެފަ.” ގާނޫނީ މާއްދަތައް ވިދާޅުވަމުން ނަސްރުﷲ ތަފްސީލްކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ އާންމު ފަރުދުންގެ ހައްގުތައް އެހެން ހުރިހާކަމަކަށް ވުރެން މާ ބޮޑުވާނެކަމަށެވެ. އަދި އެއާާޕޯޓެއްވެސް މި އަޅަނީ ހަމަ ރައްޔިތުންގެ ލާބަޔާ މަންފާއަށްކަމަށްވާއިރު އެއާޕޯޓެއް އެޅޭއިރުވެސް ރައްޔިތުންގެ ލާބަޔާ މަންފާ އޭގައި ހިމެނެންޖެހޭނެކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަށްވާން ޖެހޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355