ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ސްކޫލުތަކަށް ސިޓީ ކައުންސިލުން ދޭ 'ސްކޫލް ގްރާންޓް' ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ސިޓީ ކައުންސިލުން ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާގެ ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރި އެވެ.
މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ ފަރާތުން ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވި ޕްރިންސިޕަލުންނެވެ.
2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި މި ގްރާންޓް ފުރަތަމަ ދިނީ ސްކޫލަކަށް 50،000 ރުފިޔާ އެވެ. ނަމަވެސް މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މިއަދަދު ވަނީ އެއްލައްކަ ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ހެދުމުގެ ފުރުސަތުވެސް މި ކައުންސިލަށް ލިބިގެންދާނެ ކަމަށާއި ކައުންސިލަރުންގެ ވިސްނުން ހުރީ އަންނަ އަހަރުވެސް ސްކޫލް ގަރާންޓް ދިނުމަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލް އަދި އެސްއެމްޓީގެ މެންބަރުންނާއި ޕީޓީތަކުން ބައިވެރިވެލެއްވި އެވެ.